މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވަކި ގަޑިއެއްގައި ބޭރަށް ނުކުތުމާއި ނުކުމެވޭ ގަޑިތަކުގައި އެއް ފަހަރާ ގިނަ މީހުން އެކުގައި ބޭރަށް ނުކުތުން މަނާކޮށްފި އެވެ.
މިގޮތަށް ނިންމީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަށް ލިބިދޭ ބާރުގެ ދަށުންނެވެ. މި އެންގުމަށް އަމަލު ކުރަން ފަށަން ޖެހެނީ މާދަމާ މެންދުރު12:00 ފެށިގެންނެވެ.
އެ އެންގުމުގައި ބުނެފައިވަނީ މާލޭ، ވިލިމާލެ އަދި ހުޅުމާލޭގައި މާދަމާއިން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު5:00 ރޭގަނޑު8:00 އަށް މީހުން މަގުމައްޗަށް ނުކުތުމަކީ މަނާކަމެއް ކަމަށެވެ. މިވަގުތުގައި ހިނގާފައި އުޅުން އަދި އެއްގަމު އުޅަނދު ދުއްވުންވެސް މަނާ އެވެ.
މީގެ އިތުރުން މި ވަގުތުތަކުގައި ފެރީގެ ހިދުމަތާއި ބަހުގެ ހިދުމަތްތައް ހުއްޓާލަންވެސް މި ހިދުމަތްދޭ ކުންފުނިތަކަށް ވަނީ އަންގާފައި އެވެ.
އެ އެންގުމުގައި އިތުރަށް ބުނެފައިވަނީ ހަވީރު5:00 ން ރޭގަނޑު8:00 ނޫން ވަގުތުތަކުގައި މީހުން މަގުމަތީގައި އުޅޭއިރު ތިން މީހުންނަށްވުރެ ގިނައިން މަގުމަތީގައި އެއްކޮށް ނޫޅެވޭނެ ކަމަށެވެ.
މި އެންގުމުން އިސްތިސްނާވާ މީހުން:
ކުނި އުކުމުގެ ހިދުމަތްދޭ ވެމްކޯގެ ޔުނިފޯމް ލައިގެން ތިބޭ މުވައްޒަފުންނާއި ވެހިކަލްތައް
ސިފައިންނާއި ފުލުހުން އަދި އެ އިދާރާތަކުގެ ވެހިކަލްތައް
އުރީދޫ، ދިރާގު ބޭންކްތައް، އެސްޓީއޯ، އެމްޑަބްލިއުއެސްސީ، ސްޓެލްކޯ އަދި ޔުނިފޯމް ލައިގެން މަސައްކަތް ކުރާ މުވައްޒަފުންނާއި އެ މުވައްޒަފުންގެ ވެހިކަލްތައް
ދައުލަތުގެ ވެހިކަލްތައް
ޑިޕްލޮމެޓިކް އުޅަނދުތައް
އެމްބިއުލާންސް
އެންއީއޯސީގެ ފާސް ލިބިފައިވާ ފަރާތްތައް
ފާމަސީތަކުގެ މުވައްޒަފުންނާއި ވެހިކަލްތައް
އަދި އެޗްޕީއޭއިން ދޫކޮށްފައިވާ ހާއްސަ ސްޓީކާ ޖަހާފައިވާ ވެހިކަލްތައް
މި އެންގުމާއި އެއްގޮތަށް އަމަލު ކުރަންޖެހެނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.
އެޗްޕީއޭއިން ވަނީ މި އެންގުމާއި އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަށް ކަމާ ގުޅޭ ހުރިހާ ފަރާތަކަށް އަންގާފައި އެވެ. މި ފިޔަވަޅަކީ ރާއްޖޭގައި ކޯވިޑް-19 ފެތުރުމުގެ ފުރުސަތު ވީހާވެސް ބޮޑަށް ހަނި ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް