ދިރާގުން ހުރިހާ ކަސްޓަމަރުންނަށް 50-140 ޕަސެންޓާ ދެމެދުގެ ޑޭޓާ ހިލޭ

ކޯވިޑް-19 އާއި ގުޅުގެން ސަރުކާރުގެ އެދުމާއި އެއްގޮތަށް އިންޓަނެޓްގެ ހިދުމަތަށް އިތުރު ލުއިތަކެއް ދިނުމުގެ ގޮތުން ދިރާގުގެ ކަސްޓަމަރުންނަށް ހިލޭ ދީފައިވާ ޑޭޓާގެ މިންވަރު 50-140 ޕަސެންޓާ ދެމެދުގެ މިންވަ...

01 Apr 2020 | 00:22

ކޯވިޑް-19 އާއި ގުޅުގެން ސަރުކާރުގެ އެދުމާއި އެއްގޮތަށް އިންޓަނެޓްގެ ހިދުމަތަށް އިތުރު ލުއިތަކެއް ދިނުމުގެ ގޮތުން ދިރާގުގެ ކަސްޓަމަރުންނަށް ހިލޭ ދީފައިވާ ޑޭޓާގެ މިންވަރު 50-140 ޕަސެންޓާ ދެމެދުގެ މިންވަރަކަށް އިތުރުކޮށްފި އެވެ.

ދިރާގުން ބުނީ މި މިންވަރު އޭޕްރިލް އާއި މެއި މަހުވެސް ލިބޭނެ ކަމަށެވެ.

ދިރާގު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަސްޓަމަރުންނަށް ލުއި ދިނުމުގެ ގޮތުން މާޗް މަހުން ފެށިގެން ހިލޭ ޑޭޓާ އެލަވަންސް ދެމުން އަންނަ ކަމަށެވެ. ރާއްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކޯވިޑް-19 އާއި ގުޅިގެން ގޭގައި މަޑު ކުރަން އަންގަމުންދާ މި ދަނޑިވަޅުގައި ދިރާގުންވެސް އެކަމަސް އެއްބާރުލުންދީ ހިތްވަރު ދޭން ބޭނުންވާ ކަމަށް ބުންޏެވެ.

އިތުރަށް ދޭން ނިންމާފައިވާ ހިލޭ ޑޭޓާ އެލަވަންސްތަކުގެ ތެރޭގައި ހިމެނެނީ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 50 ޕަސެންޓާއި 140 ޕަސެންޓާ ދެމެދުގެ އަދަދަކަށް ޑޭޓާ އެލަވަންސް އެވެ. އަދި މާޗް މަހު ހުރިހާ ބޫސްޓާތަކަށް ދީފައިވާ 50 ޕަސެންޓް ޑިސްކައުންޓް އެޕްރީލް އަދި މެއި މަހުވެސް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން މޮބައިލް ކަސްޓަމަރުންގެ ތެރެއިން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 50 ޕަސެންޓާއި 70 ޕަސެންޓާ ދެމެދުގެ މިންވަރަށް އިތުރު ޑޭޓާ އެލަވަންސް ދޭނެ ކަމަށް ބުނެ އެވެ. ޕްރީޕެއިޑް ކަސްޓަމަރުންނަށް އެއް މަހަށް ދޫކުރާ ޑޭޓާ އެޑް އޮންއަށް އިތުރު 50 ޕަސެންޓް ޑޭޓާ ދޭން ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ދިރާގުން ބުނީ އެގޮތަށް ހަމަޖެއްސުމުން 70 ޕަސެންޓަށް ވުރެ ގިނަ ކަސްޓަމަރުންނަށް ލިބޭ ޑޭޓާ އެލަވަންސް ދެ ގުނަ އިތުރުވެ އަދި ހުރިހާ މޮބައިލް ކަސްޓަމަރުންނަށް މަދުވެގެން 50 ޕަސެންޓް އިތުރު ޑޭޓާ ލިބޭނެ އެވެ. އަދި އެކިއެކި ޕެކޭޖްތަކަށް ދޭ އެލަވަންސާއި ބޫސްޓާސް އާއި އެޑް އޮންސް އަށް ދޭ ޑިސްކައުންޓްތައް އެ ކުންފުނީގެ ވެބްސައިޓްގައި އާންމު ކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ކޮވިޑް-19 އާ ގުޅޭ ޓާސްކް ފޯސް އޮޕަރޭޝަން ސެންޓަރުތަކަށް ވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް