ހިލޭ ޓިކެޓު ލިބޭ ޕްރޮމޯޝަނެއް މޯލްޑިވިއަން އިން ފަށައިފި

ހިލޭ ޓިކެޓު ލިބޭ ޕްރޮމޯޝަނެއް ގައުމީ އެއާލައިން މޯލްޑިވިއަންއިން ފަށައިފި އެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެވެނީ މޯލްޑިވިއަންގެ ވެބްސައިޓާއި އެޕްލިކޭޭޝަން މެދުވެރިކޮށް ޓިކެޓު ގަންނަ ފަރާތްތަކަށެވެ. މި...

01 Mar 2021 | 10:02

ހިލޭ ޓިކެޓު ލިބޭ ޕްރޮމޯޝަނެއް ގައުމީ އެއާލައިން މޯލްޑިވިއަންއިން ފަށައިފި އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވެނީ މޯލްޑިވިއަންގެ ވެބްސައިޓާއި އެޕްލިކޭޭޝަން މެދުވެރިކޮށް ޓިކެޓު ގަންނަ ފަރާތްތަކަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު އެއް ފަހަރު ގުރުއަތުން ހޮވޭ ފަރާތަކަށް ހިލޭ ޓިކެޓެއް ލިބޭނެ އެވެ.

ހިލޭ ލިބޭ ޓިކެޓުގައި ދަތުރު ކުރެވޭނީ ރާއްޖޭގެ އެތެރޭގެ އުދުތުހުންތަކުގައި މޯލްޑިވިއަން ދަތުރު ކުރާ މަންޒިލްތަކަށެވެ. މޯލްޑިވިއަން އިން ބުނީ ހިލޭ ލިބޭ ޓިކެޓަށް ދަތުރު ކުރުމުގެ އެންމެ ފަހުގެ ތާރީހަކީ މިއަހަރުގެ އޮކްޓޯބަރު 31 ކަމަށެވެ.

މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ މިއަދުން ފެށިގެން މިމަހުގެ 27 ގެ ނިޔަލަށެވެ.

ކޯވިޑް-19 އާއި ގުޅިގެން މޯލްޑިވިއަންގެ ޓިކެޓިން އޮފީސްތަކަށް ގޮސްގެން މީހުން ޓިކެޓު ނުނެގުމަށް ބާރު އެޅުމުގެ ގޮތުން އިތުރު ޕްރޮމޯޝަނެއް މިހާރުވެސް އެބަ ކުރިޔަށް ގެންދެ އެވެ. އެއީ އެޕްލިކޭޝަން ނުވަތަ މޯލްޑިވިއަންގެ ވެބްސައިޓު މެދުވެރިކޮށް ޓިކެޓު ނެގުމުން 10 ޕަސެންޓު ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެކެވެ.

މިދިޔަ ޑިސެމްބަރު މަހު 15 ގައި ފެށި މި ޕްރޮމޯޝަންގެ ޑިމާންޑު ބޮޑުކަމުން މޯލްޑިވިއަން އިން ވަނީ އަންނަ އޭޕްރިލް މަހުގެ ހަތް ވަނަ ދުވަހަށް މުއްދަތު އިތުރު ކޮށްފައި އެވެ.

ޕްރޮމޯޝަންގެ މުއްދަތަށް ގެނައި ބަދަލާއި އެކު ޕްރޮމޯޝަންގެ ދަށުން ޓިކެޓު ނެގޭނެ އެންމެ ފަހުގެ ތާރީހަކީ މާޗް 31 އެވެ. މި ޕްރޮމޯޝަންގެ ދަށުން އޮންލައިންކޮށް ޓިކެޓު ނަގާ ފަރާތްތަކުން ދަތުރު އޮންނަ ތާރީހުގެ ހަތް ދުވަސް ކުރިން ޓިކެޓު ގަންނަން ޖެހެ އެވެ.

މޯލްޑިވިއަންއިން ރާއްޖޭގެ 15 އެއާޕޯޓަކަށް ޑޮމެސްޓިކް ދަތުރުތައް ކުރެ އެވެ. އެންމެ ފަހުން އެ އެއާލައިންގެ ޝެޑިއުލް ދަތުރުތައް ފެށީ ހޯރަފުށީ ޑޮމެސްޓިކް އެއާޕޯޓަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް