ކައުންސިލް އިންތިހާބުގައި 121 ރިސޯޓުގައި ވޯޓު ފޮށި ބަހައްޓާނެ

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލުމަށް 121 ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައި...

01 Mar 2021 | 09:45

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލުމަށް 121 ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ރިސޯޓަކުގައި ވޯޓު ފޮށި ބަހައްޓަނީ އަދަދެއް ކަނޑައަޅައި އެ އަދަދަކަށް ވޯޓުލާން މީހުން ރެޖިސްޓްރީ ކުރާ ނަމަ އެވެ. އަދި އަދަދު ހަމަނުވާ ރިސޯޓުތަކަށް ވޯޓުލާން ރެޖިސްޓްރީ ކުރާ ރިސޯޓުތަކުގެ މުވައްޒަފުން ކައިރި ރަށްރަށަށް ވޯޓުލާން ރެޖިސްޓްރީ ކުރެ އެވެ.

އެކަމަކު ކޯވިޑް-19 އާއި ގުޅިގެން ރިސޯޓުތަކުން ރަށަށް ކަރަންޓީން ނުވާގޮތަށް ދަތުރު ކުރުމުގެ ހުއްދަ ނޯންނާތީ އެޗްޕީއޭއިން އިންތިހާބަށް އެކުލަވާލި ގައިޑްލައިންގައިވެސް ވަނީ ވޯޓުލާން އެއް ރަށުން އަނެއް ރަށަށް އަދި އެހެން ރިސޯޓަކަށްވެސް ނުދެވޭނެ ކަމަށް ކަނޑައަޅާފައި އެވެ.

އިލެކްޝަންސް ކޮމިޝަނުނެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ކައުންސިލް އިންތިހާބުގައި 121 ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓާނެ ކަމަށެވެ. މިވަގުތު 140 އަށްވުރެ ގިނަ ރިސޯޓު އޮޕަރޭޝަންސްގައި އޮތް އިރު121 ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން ނިންމި ގޮތެއް އަދި ހާމައެއް ނުރެ އެވެ.

ޝަރީފު ވިދާޅުވީ އޭގެން ކޮންމެ ރިސޯޓެއްގައި ބަހައްޓާނީ އެއް ވޯޓު ފޮށި ކަމަށެވެ. އޭނާ ވިދާޅުވީ މިއަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

މިފަހަރުގެ އިންތިހާބުގައި ވޯޓުލާތަން ބަދަލު ކުރުމުގެ ފުރުސަތު ދެނީ މިދިޔަ އަހަރު ބާއްވަން ނިންމި ކައުންސިލް އިންތިހާބުގައި ވޯޓުލާން ރެޖިސްޓްރީ ކުރި ތަން ބަދަލު ކުރަން ބޭނުންވާ މީހުންނަށެވެ. އެކަމަކު ޝަރީފު ވިދާޅުވީ އެ ފަހަރު ރިސޯޓުތަކުގައި ވޯޓުލާން ރީ ރެޖިސްޓްރީ ކުރި ހުރިހާ އެންމެންގެ ރެޖިސްޓްރީ މިހާރު ވާނީ ދާއިމީ އެޑްރެސް އޮންނަ ރަށަކަށް ބަދަލު ކުރެވިފައި ކަމަށެވެ.

އެގޮތަށް ހަމަޖެއްސީ ބައެއް ރިސޯޓުތަކުގެ މުވައްޒަފުން އެހެން ރިސޯޓުތަކަށް ބަދަލުވެފައި ވުމާއި ވަޒީފާއިން ކެނޑުމުގެ އިތުރުން އޭރު ވޯޓު ފޮށި ބަހައްޓަން ނިންމާފައި އޮތް ބައެއް ރިސޯޓުތައް ކޯވިޑާއި ގުުޅިގެން ބަންދު ކުރުމަށް ފަހު އަދި ނުހުޅުވާތީ އެވެ.

ރީ ރެޖިސްޓްރޭޝަނަށް ހުޅުވާލަން ނިންމާފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް