އިތުބާރުނެތްކަމަށް ފާސްކޮށް މަލީހު މިނިސްޓަރުކަމުން ވަކިކޮށްފި

ކޮމިއުނިކޭޗަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރުނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. މިގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެމްބަރުންގެ ތާއީދާ އެކު އެވެ. ...

01 Mar 2021 | 08:32

ކޮމިއުނިކޭޗަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރުނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެމްބަރުންގެ ތާއީދާ އެކު އެވެ. ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ ހަތަރު މެމްބަރުން ތިއްބެވި އެވެ.

މިއަދު ވޯޓު ނެގި ގަޑީގައި މަޖިލީހަށް 70 މެމްބަރުން ހާޒިރުވެވަޑައިގެން ތިއްބެވި އެވެ. އެކަމަކު ވޯޓުގައި ބައިވެރިވެފައިވަނީ 60 މެމްބަރުންނެވެ. ވޯޓުގައި ބައިވެރިވެފައި ނުވަނީ އިދިކޮޅު ކޯލިޝަންގެ މެމްބަރުންނެވެ.

މަލީހާއި ދެކޮޅަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕީޖީ ލީޑަރު އަލީ އާޒިމް އެވެ.

މަލީހުގެ އިތުބާރުނެތްކަމުގެ ވޯޓު ނަގަން ހުށަހެޅީ ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަން ޖެހޭ ގަވައިދުތައް ނެހެދުމާއި އިންޓަނެޓް އަގުހެޔޮ ނުކުރާ ކަމަށް ބުނެ އެވެ.

މި ތުހުމަތުތައް މަލީހު ވަނީ ތަކުރާރުކޮށް ދޮގު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މަގާމުގެ މަސްއޫއޫލިއްޔަތު ބަރާބަރަށް އަދާ ކުރައްވާ ކަމަށާއި އެމްޑީޕން ކޮށްފައިވަނީ އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.

މަލީހު ކޮމިއުނިކޭޝަން މިނިސްޓްރަކަށް އައްޔަން ކުރެވުނީ ޖޭޕީގެ ސްލޮޓެއްގައި އެވެ. މިއީ މި ސަރުކާރުގެ ވަޒީރެއްގެ އިތުބާރުނެތްކަމުގެ ވޯޓު މަޖިލީހުން ނަގައި މަގާމުން ވަކި ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށަހެޅި ނަމަވެސް އެމްޑީޕީން ވަނީ އިމްރާނަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފައި އެވެ.

ދެން އިތުބާރުނެތް ކަމުގެ ވޯޓު ނަގަން ހުށަހެޅީ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި ދެކޮޅަށެވެ. މައްސަލަ މަޖިލީހަށް ހުށަހެޅުމުން އޭނާ ވަނީ އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް