ދަތް އުނގުޅުމަށްވެސް ސުންނަތް ވަޤުތުތަކެއް އޮންނަކަން އެނގޭތަ

ދަތް ސާފުކޮށް ބެހެއްޓުމަކީ ނުހަނު މުހިންމު ކަމަކަށްވާ ތަފާތު އެތަށް ސަބަބުތަކެއް ވެއެވެ. އެގޮތުން އިސްލާމް ދީނަކީ ސާފު ޠާޙިރުކަމަށް ނުހަނު ބޮޑަށް ބާރުއަޅާ ދީނެކެވެ. މީގެ އިތުރުންވެސް މީހުންނާ މުޢާމަލާ...

01 Mar 2021 | 08:30

ދަތް ސާފުކޮށް ބެހެއްޓުމަކީ ނުހަނު މުހިންމު ކަމަކަށްވާ ތަފާތު އެތަށް ސަބަބުތަކެއް ވެއެވެ. އެގޮތުން އިސްލާމް ދީނަކީ ސާފު ޠާޙިރުކަމަށް ނުހަނު ބޮޑަށް ބާރުއަޅާ ދީނެކެވެ. މީގެ އިތުރުންވެސް މީހުންނާ މުޢާމަލާތް ކުރުމުގައާއި އަދި ތިބާ ހިނިތުންވުމުންވެސް އެންމެ ބޮޑަށް ފާހަގަކުރެވޭނެ އެއް ތަނަކީ ދަތްތަކެވެ. ދަތްތައް ސާފުކޮށް ބެހެއްޓުމަށް އިސްލާމްދީން ނުހަނު ބާރު އަޅުއްވައެވެ. ހަމަ އެހެންމެ ދަތް އުނގުޅުމުގައިވެސް ސުންނަތް ވަޤުތުތަކެއްވެއެވެ.

ވާހަކަ ނުދައްކާ ގިނައިރުވާ ވަޤުތާއި ދަތް ރީނދޫވާ ވަޤުތު (ދަތްހަޑިވާ ވަޤުތު) ދަތް އުނގުޅުން ސުންނަތްކަން ގަދަވެގެންވެއެވެ.

كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا قَامَ مِنَ اللَّيلِ يَشُوصُ فَاهُ بِالسِّوَاكِ . [ متفق عليه- رواه البخاري في كتاب الوضوء باب السواك برقم (245)، ومسلم في كتاب الطهارة باب السواك برقم (255).(1/13)]

މާނަ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތަހައްޖުދު ނަމާދު ކުރައްވާނަމަ އެކަލޭގެފާނު ސިވާކުން ދަތް އުނގުޅުއްވަތެވެ."

އޭގެ އިތުރުންވެސް ވުޟޫ ކުރަންފަށާއިރުގައްޔާއި, ނިދީން ހޭލާ ހިނދުގައްޔާއި އަނގައިގެ ވަސް ތަޣައްޔަރުވާ ހިނދުގައްޔާއި އަދި ޤުރުއާން ކިޔަވަން ފެށުމުގެ ކުރިންނާއި ނަމާދުކުރަން ފެށުމުގެ ކުރީންނާއި, އަދި ހަމައެފަދައިން ގެއަށް ވަންނަ އިރަކީވެސް ދަތްއުނގުޅުން ސުންނަތްކަން ގަދަވެގެންވާ ވަޤުތުތަކެވެ. މިކަން ހާމަވަނީ ތިރީގައިވާ މި ހަދީޘުންނެވެ.

عَنِ الْمِقْدَامِ بْنِ شُرَيْحٍ، عَنْ أَبِيهِ، قَالَ سَأَلْتُ عَائِشَةَ قُلْتُ بِأَىِّ شَىْءٍ كَانَ يَبْدَأُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ بَيْتَهُ قَالَتْ بِالسِّوَاكِ‏.‏ [أخرجه مسلم برقم (253)]

މާނަ: “ގެއަށް ވެދެވަޑައިގެން އެންމެ ފުރަތަމަ ނަބިއްޔާ ޞައްލﷲ ޢަލައިހި ވަސައްލަމަ ކުރައްވާ ކަމަކީ ކޮބައިތޯ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ތިމަންކަލޭގެފާނު ސުވާލު ދެންނެވީމެވެ. ވިދާޅުވިއެވެ. ދަތް އުނގުޅުއްވުމެވެ.”

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް