ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީސް ކުރިޔަށް ގެންދަވަނީ ވަރަށް ހުދުމުހުތާރު ކޮށްކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ވިދާޅުވެއްޖެ އެވެ.
އޭނާ އާއި ދެކޮޅަށް ހުށަހަޅާފައިވާ އިތުބާރުނެތްކަމުގެ މައްސަލައިގަ ބަހުސް ކުރައްވަމުން މަލީހު ވިދާޅުވީ ނަޝީދު މަޖިލީސް ކުރިޔަށް ގެންދަވަނީ ގަވައިދާ ހިލާފަށް ހުދުމުހުތާރުކޮށް ކަމަށެވެ. މަލީހު ވިދާޅުވީ މަޖިލީހުގެ ގަވައިދުގައި އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް މަޖިލީހުގައި ހޭދަ ކުރަންޖެހެނީ ދެ ގަޑިއިރު ކަމަށް ބުނެފައިވީނަމަވެސް ތިން ގަޑިއިރު އޭނާ މަޖިލީހުގައި ޖަވާބުދާރީވުމަށް ބައިންދާފައިވާ ކަމަށެވެ.
ނަޝީދު މަޖިލީސް ކުރިޔަށް ގެންދަވަނީ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވުމުން އެމަނިކުފާނު ވަނީ މިނިސްޓަރުގެ ވާހަކަ މެދުކަނޑާލުއްވައި އަމީން އާންމު އާއި އެކަމާއި ގުޅޭގޮތުން ހިޔާލު ބަދަލު ކުރައްވާފައި އެވެ. އަދި އޭގެ ފަހުން މަލީހުއަށް ނަޝީދު ވިދާޅުވީ އަމީން އާންމު އާއި އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި ޖަލްސާ ކުރިޔަށް ގެންދަނީ މަޖިލީހުގެ ގަވައިދުގެ ތެރެއިން ކަމަށެވެ.
މަލީހަށް ޖަވާބުދާރީވުމަށް ދެއްވި ފަހު ފުރުސަތުގައި ވާހަކަ ދައްކަވަން ފައްޓަވާއިރަށް އެމްޑީޕީގެ މެމްބަރުން ނިޒާމީ ނުކުތާ ނަންގަވާތީވެސް މަލީހު ހިތްހަމަނުޖެހިގެން ވާހަކަދެއްކެވި އެވެ. މަލީހު ވަނީ އެއީ ވަގުތު ދެއްވާގޮތްތޯ ވިދާޅުވެ ގަވައިދަށް އަމަލު ކުރުމަކީ އެއީތޯ ސުވާލު ކުރައްވާފައި އެވެ.
މިކަމާއި ގުޅިގެން ނަޝީދު ވިދާޅުވީ މަޖިލީސް ކުރިޔަށް ގެންދަވާނެ ގޮތް އެނގިވަޑައިގެންނަވާނީ އެމަނިކުފާނަށް ކަމަށާއި މަލީހު ވާހަކަދައްކަވަން ފުރުސަތު ދެއްވުމުން ވާހަކަ ދެއްކެވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.
މީގެ އިތުރުން އެމްޑީޕީގެ މެމްބަރަކު ނިޒާމީ ނުކުތާ ނަންގަވައި މަލީހު ކޮންމެ ވާހަކައެއް ދެއްކެވިޔަސް މިއަދު މަޖިލީހުން މަލީހު މަގާމުން ވަކި ކުރާނެ ކަމަށް ވިދާޅުވުމުން ރައީސް ނަޝީދު ވަނީ އެއީކަށަވަރު ކަމެއް ކަމަށް ވިދާޅުވެފައި އެވެ.
މަލީހު ވިދާޅުވީ ހުދުމުހުތާރުކޮށް ނަޝީދު މަޖިލީސް ހިންގަވާ ކަމަށް ވިދާޅުވަނީ އެހެންވެ ކަމަށް ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް