ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ ގެ ޕްރީޓެސްޓް މާދަމާ ކުރިއަށް ގެންދަނީ

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓަސްޓިކްސްގެ ފަރާތުން 2019/2020ގައި ކުރެވުނު "ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ"، ހަޔަސްގެ އެކްސްޓެންޝަންއެއްގެ ގޮތުގައި މިއަހަރު ކުރުމަށް ހަމަޖެހިފައިވާ "ރެ...

01 Mar 2021 | 06:54

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓަސްޓިކްސްގެ ފަރާތުން 2019/2020ގައި ކުރެވުނު "ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ"، ހަޔަސްގެ އެކްސްޓެންޝަންއެއްގެ ގޮތުގައި މިއަހަރު ކުރުމަށް ހަމަޖެހިފައިވާ "ރެފިޑް އެސެސްމަންޓް އޮފް ދަ އިމްޕެކްޓް އޮފް ކޮވިޑް-19 އޮން ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ އިން މޯލްޑިވްސް" ސަރވޭގެ ޕްރީޓެސްޓެއް މާދަމާ ކުރިޔަށް ދާނެއެވެ. މިސަރވޭ ކުރެވޭނީ ފޯނު މެދުވެރިކޮށެވެ.

މިގޮތުން މާލެއާއި އަތޮޅުތެރެއިން ހޮވާލެވޭ ގޭބިސީތަކަކަށް ޕްރީޓެސްޓް ކުރުމަށް 2 މާރިޗު ވަނަ ދުވަހުގެ ހެނދުނު 8:30 އިން 14:00 އާއި ދެމެދު މައުލޫމާތު ނެގުމަށްޓަކައި މިބިއުރޯއިން ގުޅަމުން ގެންދާނެއެވެ.

ޕްރީޓެސްޓު ކުރުމަށް ހަމަޖެހިފައިވަނީ އެބިއުރޯގެ ފަރާތުން ކުރެވުނު 'ހަޔަސް 2019/2020' ގައި ހޮވިފައިވާ ގޭބިސީތަކުގެ ތެރެއިން ރެންޑަމްކޮށް ހޮވާލެވޭ ގޭބިސީތަކަކަށެވެ. މިޕްރީޓެސްޓްގެ އަލީގައި ސުވާލުކަރުދާސް ފައިނަލް ކުރުމަށް ފަހު މިސަރވޭގެ މައުލޫމާތު ނެގުމުގެ މަސައްކަތް މިމަހުގެ 17 އިން ފެށިގެން ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން،  600 ގޭބިސީއަކަށް ފޯނުމެދުވެރިކޮށް ގުޅުމަށްވަނީ ހަމަޖެހިފައެވެ.

މިސަރވޭއަކީ "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގަވާއިދު 2012"ގެ ގަވާއިދު ނަންބަރ: 2013/R-4ގެ ދަށުން ހުއްދަލިބިގެން ކުރެވޭ ސަރވޭއެކެވެ. މިސަރވޭއިން އެއްކުރެވޭ ވަކިފަރުދެއް ނުވަތަ ގޭބިސީއެއްގެ މައުލޫމާތަކީ ސިއްރެއްގެގޮތުގައި ހިފެހެއްޓޭނެ އެއްޗެކެވެ. މިގަވާއިދުގައި ކަނޑައެޅިފައިވާގޮތަށް ހުއްދަ ލިބިގެން ސަރުކާރުގެ ބޭނުމަކަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައިއުޅޭ މީހަކު އެދިއްޖެ ހިނދެއްގައި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މައުލޫމާތު ދިނުމަށް ލާޒިމުވެއެވެ.

މިސަރވޭއަކީ ބޮޑު ހޭދައެއް ކޮށްގެން ހިންގާ ގައުމީ ބޮޑުމަސައްކަތަކަށް ވުމާއި އެކު، އާއްމުންގެ ފުރިހަމަ އެއްބާރުލެއްވުން މިބިއުރޯއަށް ވަރަށް ބޮޑަށް ބޭނުންވާނެ ވާހަކަ މިފުރުސަތުގައި ދަންނަވަމެވެ. އަދި މިހާތަނަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް އެ ބިއުރޯއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

މިމަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދަން ބޭނުންވާ ފަރާތްތަކުން އެ ބިއުރޯގެ ސްޓެޓިސްޓިކަލް ސަރވޭސް އެންޑް ރިސަރޗް ސެކްޝަންގެ ނަންބަރ 3008455/30084573008400/ އަށް ގުޅުމަށް އެ ބިއުރޯއިން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް