ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަކީ ޒިންމާ އަދާ ނުކުރައްވާ މިނިސްޓަރެކޭ ވިދާޅުވެވެން ނެތް ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު މަލީހުގެ އިތުބާރުނެތްކަމުގެ ވޯޓުގެ ނެގުމުގެ މައްސަލައިގަ ވާހަކަ ދައްކަވަމުންނެވެ.
އުޝާމް ވިދާޅުވީ ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަން ޖެހޭ ގަވައިދުތައް ހެދުމަށް ފަހު ރައީސް އޮފީހަށް ފޮނުވާފައިވާނެ ކަމަށް މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވާ ކަމަށެވެ. އެ ގަވައިދުތައް ތަންފީޒުކޮށް އިންޓަނެޓް އަގުހެޔޮ ކުރުން ފަދަ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމަވާފައި އަންގަން ޖެހޭ ކަންކަން ކަމަށެވެ.
އަދި އިންޓަނެޓް އަގުހެޔޮ ކުރުމަކީ މިސަރުކާޜުން ރައްޔިތުންނަށް ވެފައިވާ ވައުދަކަށް ވާއިރު އެ ވައުދު ފުއްދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޒިންމާއެއް ކަމަށެވެ. މިނިސްޓަރު މަލީހުގެ މަސައްކަތަކީ އެކަމަށް ހަދަން ޖެހޭ ގަވައިދުތައް ހެދުން ކަމަށާއި އެކަން ކޮމިިއުނިކޭޝަން މިނިސްޓްރީން ނިންމާފައިވާ ކަމަށް މަލީހު ވިދާޅުވި ކަމަށް އުޝާމް ވިދާޅުވި އެވެ.
އެހެން ކަމުން މަލީހުގެ ޒިންމާ އަދާ ނުކުރައްވާ ކަމަށް ބުނެ އިތުބާރުނެތްކަމުގެ ވޯޓު ނެގެން ނެތް ކަމަށް ވިދާޅުވި އެވެ. އަދި މިނިސްޓަރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި މަގާމުން ވަކި ކުރާއިރު މެމްބަރުން މިއަށްވުރެ ޒިންމާދާރުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މަލީހުގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީންނެވެ. އެ ޕާޓީގެ މެމްބަރުން ކުރި ތުހުމަތުތަކުގެ ތެރޭގައި ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަން ޖެހޭ ގަވައިދުތައް ދެ އަހަރު ވީއިރުވެސް ނެހެދުމާއި، އިންޓަނެޓްގެ އަގު ހެޔޮ ނުވުން ހިމެނެ އެވެ.
މަލީހު ވަނީ މި ތުހުމަތުތައް ދޮގު ކުރައްވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް