އިތުބާރުނެތްކަމަށް ހުށަހެޅީ ޓީވީ ޕްރޮގްރާމްގައި ދެއްކި ވާހަކައިން: މަލީހު

އިތުބާރުނެތްކަމުގެ ވޯޓު ނަގަގައި މަގާމުން ދުރުކުރަން މަސައްކަތް ކުރަނީ ޓީވީ ޕްރޮގްރާމެއްގައި ދެއްކި ވާހަކައެއްގެ ސަބަބުން ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ވިދާޅުވެއްޖެ އެވެ. މަލީހު މ...

01 Mar 2021 | 06:07

އިތުބާރުނެތްކަމުގެ ވޯޓު ނަގަގައި މަގާމުން ދުރުކުރަން މަސައްކަތް ކުރަނީ ޓީވީ ޕްރޮގްރާމެއްގައި ދެއްކި ވާހަކައެއްގެ ސަބަބުން ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ވިދާޅުވެއްޖެ އެވެ.

މަލީހު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާގެ އިތުބާރުނެތްކަމުގެ މައްސަލައިގަ ޖަވާބުދާރީވެވަޑައިގެންނަވަމުންނެވެ. މަލީހު ވަނީ އިތުބާރުނެތްކަމުގެ މައްސަލައިގަ ފާހަގަ ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރައްވާފައި އެވެ.

މަލީހު ވިދާޅުވީ އޭނާގެ އިތުބާރުނެތްކަމުގެ ވޯޓު ނަގަން އުޅެނީ "މާއްދާ27" ގެ ބޭނުން ހިފާތީ ކަމަށެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަން ތަކުރާރު ކުރައްވާ ވިދާޅުވީ އެ ތުހުމަތުތައް ކުރަން ފަށާފައި ވަނީ ޓީވީ ޕްރޮގްރާމެއްގައި ބަރުލަމާނީ ނިޒާމާ ދެކޮޅަށް ދެއްކެވި ވާހަކަތަކަކާ ގުޅުވައި އެމްޑިޕީން ޒާތީ ވެެގެން ކަމަށެވެ.

މަލީހު ވިދާޅުވީ މަޖިލީހަށް މިއަދު ވަޑައިގެންނެވީ މަގާމުގެ ދިފާއުގައި ނޫން ކަމަށާއި އޭނާ ވަޑައިގެންނެވީ ގާނޫނު އަސާސީގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅޭ 27 ވަނަ މާއްދާގެ ދިފާއުގައި ކަމަށެވެ. އަދި ވިދާޅުވީ ހަކުރާގޭ ފެންޑާގައި އެކޮޅުކޮޅުން އެލުވިޔަސް މާއްދާ 27 ގެ ބޭނުން ހިއްޕަވާނެ ކަމަށެވެ.

މަލީހު ވިދާޅުވީ ބަޖެޓުގެ ދަތިކަމާއެކު ވެސް ކޮމިއުކޭޝަން އޮތޯރިޓީން ހަދަންޖެހޭ ގަވައިދުތައް ނިމިފައިވާ ކަމަށެވެ. އަދި އެ ގަވައިދުތައް ނެހެދިއަސް އަޅާނެ ފިޔަވަޅެއް ބަޔާންކޮށްފައި ނުވާތީ މެމްބަރުންގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމަށެވެ.

މިނިސްޓްރީގެ މުވައްޒަފުން މަސައްކަތް ކުރަން ޖެހޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ލަފާ ފުޅާ އިރުޝާދުގެ ދަށުން ކަމަށާއި ތުހުމަތުތަކުގައި އަސާސެއް ނެތް ކަމަށް ވިދާޅުވި އެވެ.

ކޮމިއުނިކޭޝަން އިންޑަސްޓްރީ ރެގިއުލޭޓް ކުރަން ކޮމިއުކޭޝަން އޮތޯރިޓީން ހަދަން ޖެހޭ ގަވައިދުތައް ހަދައިފައި ނެތުމާއި އިންޓަނެޓްގެ އަގު ބޮޑުކަމަށް ބުނެ އެވެ.

މާޒީއަށް އިޝާރާތް ކުރައްވައި މިއަދުގެ ޖަލްސާގައި މަލީހު ވިދާޅުވީ ކުރިންވެސް ހުންނެވީ ސާބިތު ކަމާއެކު ކަމަށާއި މިފަހަރު ވެސް ސާބިތު ކަމާއެކު ހުންނަވާނެ ކަމަށެވެ.

މަލީހު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޔޫތް މިނިސްޓަރުކަން ކުރައްވާފައި އެވެ. އެފަހަރު އޭނާ މަގާމުން ވަކިކުރީ ކުއްލިއަކަށް މަލީހުއަށްވެސް ނޭނގި އެވެ. މަލީހުއަށް އޭނާ މަގާމުން ވަކި ކުރިކަން އެނގުނީ ޔޫތް މިނިސްޓަރަކަށް އެހެން ބޭފުޅަކު އައްޔަން ކުރުމުން ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް