ހަކުރުބަލި ނުވަތަ ޑައިބެޓީސް އަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. ހަކުރުބަލި ކުރިމަތިވަނީ ހަށިގަނޑުގައި އިންސިއުލިން އުފައްދައިދޭ މިންވަރު މަދުވުމުގެ ސަބަބުންނެވެ. އިންސިއުލިން އަކީ ލޭގައި ހަކުރުގެ މިންވަރު ކްނޓްރޯލްކޮށް އެއްހަމައެއްގައި ބަހައްޓައިދޭ ހޯރމޯންއެވެ.
ހަކުރުބައްޔަކީ މުޅިން ރަނގަޅު ނުކުރެވުނު ނަމަވެސް ކޮންޓްރޯލް ކުރެވިދާނެ ބައްޔެކެވެ. އަދި ކޮންޓްރޯލް ނުކުރެވިއްޖެނަމަ ތަކުލީފުތަކަކާއި ކުރިމަތިލާން ޖެހިދާނެވެސް ބައްޔެކެވެ.
އަޅުގަނޑުމެންނަށް މިއީ އާދައިގެ ކަމެކޭ ހީވިޔަސް މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އަދި އެހާމެ ހިތްދަތިވެސް ކަމެކެވެ. ހަކުރުބަލި ހުންނަ މީހުންނަށް އެމީހުން ކިތަންމެ ކާން ބޭނުންވިޔަސް ނުކެވޭ ކިތަންމެ އެއްޗެއް ހުރެއެވެ. ކޮންމެދުވަހަކު އިންސިއުލިން ޖެހުމަކީ ވެސް ވަރަށްބޮޑު ވޭނެކެވެ. ކަން މިހެން ހުރިއިރު، މި ބަލިން ރައްކާތެރިވުމަށް ގިނަ މަސައްކަތް ތަކެއް ކުރަން ޖެހެއެވެ. ސިއްޚީ ތަޖުރިބާކާރުން ލަފާދޭގޮތުގައި ހަކުރުބަލި ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް ހުރެއެވެ. އޭގެ ތެރޭގައި ގަވާއިދުން ކަސްރަތުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ގަވައިދުން ކަސްރަތު ކުރާނަމަ ހަކުރުބަލިން ދުރުކޮށްދޭ ކަމަށް ސިއްޚީ މާހިރުން ބުނެއެވެ. މީގެ އިތުރުންވެސް ފިކުރު ބޮޑުވުމާއި ހާސްކަމުން ދުރުވުމާއި ބަރުދަން ލުއިކުރުމާއި ގިނައިން ދިޔާތަކެތި ބޭނުންކުރުމުގެ އިރުރުން ރަނގަޅަށް ނިދި ހަމަކުރުމާއި ކާނާގައި ހަކުރު އެކުލެވޭ މިންވަރު މަތި ކެއުން ތަކުން ދުރުވުން މުހިންމެވެ.
ދިވެހި ރާއްޖެއަކީ ނިސްބަތުން ހަކުރުބަލި ޖެހިފައިވާ މީހުން ގިނަ ގައުމެއްކަމުން، ހަކުރު މައްޗަށް ދޭތޯ ޗެކްކޮށްލުމަކީ މުހިންމުކަމެކެވެ. ހަކުރުބަލި ހުންނަކަމުގައި ވަނީނަމަ ގަވާއިދުން ޑޮކްޓަރަށް ދަށްކައި ޓެސްޓްތަށް ހަދާށެވެ. އަދި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ހަކުރު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާށެވެ. އަދި ހަކުރުބައްޔަށް ބޭސް ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ޤަވާއިދުން ބޭސް ބޭނުންކުރުމަކީވެސް ވަރަށް މުހިންމުކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް