އައްޑޫ ސިޓީ މީދޫ ކަލަސްޓާއިން އިތުރު ދެ މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އެ ކްލަސްޓާ އަކީ ހުޅުމީދޫ އެމްޓީސީސީ ކްލަސްޓާ އާއި ގުޅިގެން ނެގި ރެންޑަމް ސާމްޕަލްތަކެއްގެ ތެރެއިން ޕޮސިޓިވްވި މީހަކާއި ގުޅުން ހުރި ކްލަސްޓާ އެކެވެ. އެމީހާ ކޯވިޑް-19 އަށް ޕޮސިޓިވްކަން އެނގުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.
މި ދެ ކޭސްއާއި އެކު މީދޫ ކްލަސްޓާއިން ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ 13 އަށް އަރާފައި އެވެ. އަދި އެމްޓީސީސީ ކްލަސްޓާއިން ޕޮސިޓިވްވި އަދަދު ވަނީ 35 އަށް އަރާފައި އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އުފެދުނު އޭވިއޭޝަން ކްލަސްޓާ އާއި ގުޅުން ހުރި މީހުން ޕޮސިޓިވްވުން މިހާރު ވަނީ ކޮންޓްރޯލްވެފައި އެވެ. މިހާތަނަށް އެ ކްލަސްޓާއިން ޕޮސިޓިވްވެފައިވަނީ 40 މީހުންނެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން ހަތަރު ދިވެހިންނަށް ފަރުވާ ދެމުންދަނީ ހިތަދޫ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެޑްމިޓްކޮށްގެންނެވެ. އަދި 56 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.
އައްޑޫގެ ތިން ކްލަސްޓާ އާއި ގުޅިގެން މިހާތަނަށް 91 މީހަކު ޕޮސިޓިވްވެފައިވާއިރު މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 35 ކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް