ހުއްދަ ނެތި ކެމްޕޭން ޕޯސްޓަރު ހަރުކުރާނަމަ ޖޫރިމަނާ ކުރަން ނިންމައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މާލެ ސިޓީ ކައުންސިލްގެ ހުއްދަ ނެތި މާލޭގެ އެކި ތަންތަނުގައި ކެމްޕޭން ޕޯސްޓަރުތައް ހަރުކުރާ ފަރާތްތަކާއި ޕޯސްޓަރު ނަގަން ޖެހޭ މުއްދަތު ހަމަވުމަށްފަހު...

01 Mar 2020 | 15:01

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މާލެ ސިޓީ ކައުންސިލްގެ ހުއްދަ ނެތި މާލޭގެ އެކި ތަންތަނުގައި ކެމްޕޭން ޕޯސްޓަރުތައް ހަރުކުރާ ފަރާތްތަކާއި ޕޯސްޓަރު ނަގަން ޖެހޭ މުއްދަތު ހަމަވުމަށްފަހު އެ ތަކެތި ނުނުގާ ފަރާތްތައް ޖޫރިމަނާ ކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް އެއްވެސް ފީއަކާ ނުލައި މާލޭގައި ކެމްޕޭން ޕޯސްޓަރު ހަރު ކުރުމުގެ ހުއްދަ ދިނުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެ ގޮތަށް އެދި ސިޓީ ކައުންސިލަށް ހުށަހެޅުމުގެ ފުރުސަތު ކޮންމެ ކެނޑިޑޭޓަކަށް އޮންނާނެ ކަމަށް ވަނީ ބުނެފައިވެ އެވެ.

އެކަމަކު ހުއްދަ ނެތި ކެމްޕޭން ޕޯސްޓަރުތައް ހަރުކުރާ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށް ބުނެފައިވެ އެވެ. އަދި ހަރު ކުރަން ހުއްދަ ދޭ މުއްދަތު ހަމަވުމަށް ފަހުގައި ހަރުކޮށްފައިވާ ޕޯސްޓަރުތައް ނުނަގާ ފަރާތްތަކުގެ އަތުން ވެސް ޖޫރިމަނާ ކުރާނެ ކަމަށް އެ އިއުލާނުގައި ބުނެ އެވެ.

އިތުރަށް އިއުލާނުގައި ވަނީ، ހުއްދަ ނުނަގާ ޕޯސްޓަރު ހަރުކުރާނަމަ ކޮންމެ ދުވަހަކަށް 1،000 ރުފިޔާ އާއި 2،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ކެނޑިޑޭޓަކު ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި ޕޯސްޓަރު ނަގަން ޖެހޭ މުއްދަތު ހަމަވުމަށް ފަހު ނުނަގާ ބަހައްޓާ ކޮންމެ ދުވަހަށް ވެސް 2،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ބުނެފައިވެ އެވެ.

އިއުލާނުގައިވާ ގޮތުން ޕޯސްޓަރު ހަރު ކުރުމުގެ ހުއްދަ އެދޭއިރު ކެނޑިޑެސީ ބަލައިގަތް ކަމުގެ ލިޔުމާއި ހަރު ކުރާ ޕޯސްޓަރެއްގެ ހާޑް ކޮޕީ އާއި މީހެއްގެ އިމާރާތެއްގައި ހަރުކުރާނަމަ އެ ތަނެއްގެ ވެރި ފަރާތުގެ ހުއްދަ އޮތް ކަމުގެ ލިޔުމެއް ހުށަހަޅަން ޖެހޭނެ އެވެ. އަދި ދީނާ ގުޅުން ހުރި ޕޯސްޓަރެއްނަމަ އިސްލާމިކް މިނިސްޓްރީގެ ހުއްދަ އޮންނަން ވާނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

އެކަމަކު ދައުލަތުގެ އިމާރާތްތަކާއި އެފަދަ ތަންތަނުގެ ފާރުތަކާއި ސަހަރާތަކާއި ޕާކްތަކުގެ އިތުރުން ކަރަންޓް ފޮށިތަކުގެ ޕޯސްޓަރު ހަރު ނުކުރެވޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. މަގުމައްޗަށާއި ވެހިކަލްތަކުގެ ތެރެއަށް ޕޯސްޓަރު އެޅުން ވެސް މަނާ ކަމަށް އެ އިއުލާނުގައިވެ އެވެ.

މީގެ އިތުރުން އިއުލާނުގައި ބުނެފައި ވަނީ ކެމްޕޭން ބެނާއެއް ދަމާފައި ހުރިގޮތުން މީހަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެކަމުގެ ޒިންމާ އެ ކެނޑިޑޭޓެއްގެ ފަރާތުން އުފުލަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް