ކޮރޯނާ ވައިރަސްގެ ތަފާސް ހިސާބު އެއްކުރާ ގޮތުން ޗައިނާގެ ޑޭޓާގެ އިތުބާރު ގެއްލިއްޖެ

ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންގެ ތަފާސްހިސާބު އެއްކުރާ ގޮތަށް ބަދަލު ގެނައުމުގެ ސަބަބުން ހުބެއި ޕްރޮވިންސްގައި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން ދަށަށް ގޮސްފިއެވެ. މިއީ ކ...

01 Mar 2020 | 07:36

ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންގެ ތަފާސްހިސާބު އެއްކުރާ ގޮތަށް ބަދަލު ގެނައުމުގެ ސަބަބުން ހުބެއި ޕްރޮވިންސްގައި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން ދަށަށް ގޮސްފިއެވެ.

މިއީ ކޮރޯނާ ވައިރަސް ޖެހޭ މީހުންގެ ތަފާސްހިސާބު އެއްކުރާގޮތް އެއްމަސް ދުވަސްތެރޭ ޗައިނާއިން ބަދަލު ކުރި ދެވަނަ ފަހަރެވެ. މިއާއެކު ކޮރޯނާ ވަބާއާ ގުޅިގެން ޗައިނާއިން ހާމަކުރާ ތަފާސްހިސާބުގެ އިތުބާރާ މެދު ވަނީ ސުއާލު އުފެދިފައެވެ. ހުބެއިގެ ވޫހާންއަކީ ޗައިނާގައި ކޮރޯނާ ވައިރަސް ފެތުރެން ފެށި ސިޓީއެވެ.

ހުބެއި އިން މިދިޔަ ހަފްތާ ނިމުނު އިރު ބުނެފައިވަނީ 349 މީހުންނަށް މިވަރަސް ޖެހިފައިވާކަމަށް ޔަގީންވެފައިވާ ކަމުގައެވެ. އޭގެ ކުރީ ދުވަހުގެ އަދަދަކީ، 1700އެވެ. ކުއަލިއަކަށް މިހާ ބޮޑު ތަނުން ބަލިޖެހޭ މީހުންގެ އަދަދު ދަށަށް ދިޔައީ ކީއްވެގެންކަން ސަރުކާރުން ސާފުކޮށެއް ނުދެއެވެ. އޭގެ ކުރީ ދުވަހު ސަރުކާރުން ވަނީ މަޢްލޫމާތު ހާމަކުރުމާ ގުޅޭ އައު އުސޫލެއް ތަޢާރަފްކޮށްފައެވެ. އޭގައި ވާގޮތުން ޖުމުލަކޮށް ހާމަކުރަން ޖެހެނީ ދެ އަދެކެވެ. އެއީ ބަލި ޖެހިފައިވާކަމަށް ޔަގީންވެފައިވާ އަދަދާއި ބަލި ޖެހިފައިވާކަމަށް ޝައްކު ކުރެވޭ އަދެވެ. ޗައިނާގެ އެހެން ޕްރޮވިންސްތަކާއި ސަރުކާރުން ރަސްމީކޮށްވެސް ހާމަކުރަނީ މި މިންވަރަށެވެ.

ސަރުކާރުން މަޢްލޫމާތު ހާމަކުރުމުގެ އައު އުސޫލު ހުބެއި ޕްރޮވިންސަށް ތަޢާރަފް ކުރުމުގެ ކުރިން އެ ޕްރޮވިންސްގައި އަލަށް ބަލި ޖެހޭ މީހުންގެ އަދަދު ހާމަކުރަމުން އައީ ސީޓީ ސްކޭން މެދުވެރިކޮށްގެންނެވެ. މިގޮތަށް އަލަށް ބަލި ޖެހޭ މީހުން ދަނެގަތުން ދެމިގެން ދިޔައީ ހަފްތާއެއް ވަންދެންނެވެ. މިއާއެކު ކުއްލިއަކަށް ބަލިޖެހިފައިވާ މީހުންގެ ޖުމުލަ އަދަދަށް 15ހާސް މީހުން އެސާހިތަކުން އިތުރުވެގެން ދިޔައެވެ.

ޗައިނާއިން ހާމަކުރާ ކޮރޯނާގެ ތަފާސްހިސާބުގައި ހިމެނެނީ ކޮން ބައިތަކެއްކަން ސާފު ނުވުމުން އަލުން އަދަދުތައް ގުނަން ޖެހުނެވެ. މިހާތަނަށް 70ހާސް މީހުނަށް ބަލި ޖެހި 2 ހާސް މީހުން މަރުވެފައި ވެއެވެ.

ބަލި ޖެހޭ މީހުންގެ އަދަދު މަދުކަމަށް ދައްކައިގެން ޗައިނާއިން ސިފަކޮށްދޭން ބޭނުންވަނީ މިބަލި މިހާރު ކޮންޓްރޯލު ކުރެވިފައިވާ ކަމަށެވެ. އިންޓަރނޭޝަނަލް މީޑިއާއިން ވަނީ ތަސްފާސްހިސާބާ ޗައިނާއިން ކުޅެނީކަމަށް ބަލައި އެއާ ގުޅޭ ތަފްސީލު ހޯދުމަށް މަސައްކަތް ކޮށްފައެވެ. ހުބެއި ޕްރޮވިންސްގެ ހެލްތު ކޮމިޝަންއިން ބުނެފައިވަނީ ކުރިން ސީޓީ ސްކޭންއިން ޔަގީންކޮށްފައިވާ ކޭސްތައް މެޑިކަލް އެކްސްޕާޓުންގެ ޓީމަކުން އަލުން ދިރާސާ ކުރީކަމުގައެވެ.

ޗައިނާއިން ވަނީ ކުރިން ކޮރޯނާ ޖެހިގެން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ބައެއް މީހުންވެސް ނުބައި ގޮތަކަށް ގިންތިކުރެވިފައިވާކަމަށް ބުނެ އެލިސްޓުން 108 މީހުން އުނިކޮށްފައެވެ. ވައިރަސްއާ ގުޅިގެން ޗައިނާގެ ފެކްޓްރީތައް ހުޓި މީހުން ރަށުބަންދެއްގައި ވަނީ ބޭތިއްބިފައެވެ. ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލު ކުރެވިފައިވާ ކަމަށް ދެއްކިއްޖެނަމަ ޗައިނާއަށް އިގްތިސާދީ މަސައްކަތްތައް ދިރުވުމަށް ހިތްވަރެއްލިބި ފެކްޓްރީތަކުގެ މަސައްކަތް ފެށި، ޗައިނާއާ މެދު އިތުބާރު އާލާވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް