ސެމީ ފައިނަލުގެ ޖާގަތައް އެމްއޭސީއެލް، ކަސްޓަމްސް، އެމްއެންޑީއެފް އަދި އެމްޕީއެލްއަށް

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ޓީމް އިވެންޓުގެ ސެމީ ފައިނަލުގެ ޖާގަތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސ...

01 Mar 2020 | 05:57

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ޓީމް އިވެންޓުގެ ސެމީ ފައިނަލުގެ ޖާގަތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި އެމްއެންޑީއެފް އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހޯދައިފިއެވެ.

އެ ހަތަރު ޓީމުން ސެމީގެ ޖާގަތައް ހޯދާފައިވަނީ އެމްޕީބީއޭ ކްލަބު ހައުސްގައި އިއްޔެ ކުޅުނު ކުއާޓާ ފައިނަލުގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ.

އިއްޔެ ކުޅުނު ކުއާޓާގެ މެޗުގައި އެމްއޭސީއެލުން ވަނީ ސްޓެލްކޯ އަތުން 2-1 ގޭމުން މޮޅުވެފައެވެ. އެ މެޗުގެ ފުރަތަމަ ގޭމު އެމްއޭސީއެލުން ގެންދިޔައީ 4-3 ފްރޭމުންނެވެ. ދެވަނަ ގޭމު ސީދާ ހަތަރު ފްރޭމުން އެމްއޭސީއެލް ގެންދިޔަ އިރު، ތިންވަނަ ގޭމު ސީދާ ހަތަރު ފްރޭމުން ގެންދިޔައީ ސްޓެލްކޯއެވެ.

ކުއާޓާގައި އެމްޓީސީސީ އަތުން ކަސްޓަމްސް މޮޅުވީ 1-2 ގޭމުންނެވެ. ފުރަތަމަ ގޭމުން ކަސްޓަމްސް މޮޅުވީ 2-4 ފްރޭމުންނެވެ. ދެވަނަ ގޭމު 4-2 ފްރޭމުން އެމްޓީސީސީ ގެންދިޔަ ނަމަވެސް، ތިންވަނަ ގޭމު ސީދާ ހަތަރު ފްރޭމުން ގެންދިޔައީ ކަސްޓަމްސްއެވެ.

ކުއާޓާގައި އެމްޑަބްލިޔުއެސްސީ އަތުން އެމްއެންޑީއެފް މޮޅުވީ ދެ ގޭމުންނެވެ. ފުރަތަމަ ގޭމު އެމްއެންޑީއެފުން ގެންދިޔައީ 4-1 ފްރޭމުންނެވެ. ދެވަނަ ގޭމު ނިމިގެންދިޔައީ 3-3 ފްރޭމުން ދެޓީމު އެއްވަރުވެގެންނެވެ. އަދި ތިންވަނަ ގޭމު އެމްއެންޑީއެފުން ގެންދިޔައީ ސީދާ ހަތަރު ފްރޭމުންނެވެ.

ކުއާޓާގެ ފަހު މެޗުގައި ޕޮލިސް ކްލަބު އަތުން އެމްޕީއެލް ވަނީ މޮޅުވެފައެވެ. އެ މެޗުގެ ފުރަތަމަ ގޭމު ސީދާ ހަތަރު ފްރޭމުން ގެންދިޔައީ އެމްޕީއެލްއެވެ. ދެވަނަ ގޭމު 2-1 ފްރޭމުން އެމްޕީއެލް ގެންދިޔަ އިރު، ތިންވަނަ ގޭމު އެމްޕީއެލުން ގެންދިޔައީ 4-2 ފްރޭމުންނެވެ.

އެ މުބާރާތުގެ ސެމީގެ މެޗުތައް މިއަދު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ހަވީރު 5:30 ގައި ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެމްއޭސީއެލް އާއި ކަސްޓަމްސްއެވެ. އަދި މިރޭ 7:00ގައި ކުޅޭ ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އެމްއެންޑީއެފް އާއި އެމްޕީއެލްއެވެ.

އެ މުބާރާތުގެ ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގެ ޖާގަތައް ހޯދި ކުޅުންތެރިން ވެސް ވަނީ ކަށަވަރުވެފައެވެ. ފިރިހެން ޑިވިޝަންގެ ސިންގަލްސް އިވެންޓުގެ ސެމީން ޖާގަ ހޯދާފައިވަނީ އެމްއެންޑީއެފްގެ ފަތުހުﷲ ޖަމީލާއި އެމްއޭސީއެލްގެ އިސްމާއިލް ސުވައިދާއި ކަސްޓަމްސްގެ ޔޫސުފް ޒުބައިރު އަދި އެމްޕީއެލްގެ މުހައްމަދު ދުންޔާޒެވެ. އަންހެން ޑިވިޝަންގެ ސިންގަލްސް އިވެންޓުގެ ސެމީން ޖާގަ ހޯދާފައިވަނީ ކަސްޓަމްސްގެ އާމިނަތު ހަލީމް (ދިލް) އާއި އެމްޑަބްލިޔުއެސްސީގެ ރައުފާ މުހައްމަދާއި ދިރާގުގެ އާމިނަތު ލީނާ އަދި އެމްއެންޑީއެފްގެ އާއިޝަތު ޒީނާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް