ޕީޕީއެމްއިން ބޭއްވި ޖަލްސާ އެމްޑީޕީގެ ލީޑަރުންނަށް ކޮވިޑް-19 އަށްވުރެ ބިރުވެރިވެއްޖެ!

އިދިކޮޅު ޕީޕީއެމް އިން މިދިޔަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އެތައްހާސް ސަޕޯޓަރުންނާއި އެކު ބޮޑު އެއްވުމެއް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމުގެ ގޮތުން "މީ މަގޭ ރާއްޖޭ" ގެ ނަމުގައި ބާ...

01 Mar 2020 | 05:35

އިދިކޮޅު ޕީޕީއެމް އިން މިދިޔަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އެތައްހާސް ސަޕޯޓަރުންނާއި އެކު ބޮޑު އެއްވުމެއް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމުގެ ގޮތުން "މީ މަގޭ ރާއްޖޭ" ގެ ނަމުގައި ބާއްވާފައި ވެއެވެ.

އެ ޖަލްސާވެގެން ގޮސްފައި ވަނީ ސަރުކާރު ހިންގާ އެމްޑީޕީއަށް ފޫނުބެއްދޭވަރު ހިތާމަވެރިކަމެއް ގެނެސްދިން ޖަލްސާއަކަށެވެ. އޭގެ ކުރީ ހަފްތާގައި މުޅި ރާއްޖޭގައި އެއްފަހަރާ އެމްޑީޕީން "ރަށްވެހި ފަތިސް" ގެނަމުގައި ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށި ނަމަވެސް މާލޭގައި ބޭއްވި ޖަލްސާގައި ހުސް ގޮނޑި ގިނަކަމުން އާންމުންގެ ފާޑު ކިޔުންތައް ވަނީ އެ ޕާޓީއަށް އަމާޒުވެފަ އެވެ.

އެމްޑީޕީގެ ޖަލްސާއަށް މީހުން ނުދިޔަ ސަބަބާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކެވުމަށް ޖަލްސާ ބޭއްވި ރޭގެ އަނެއް ދުވަހު އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނާއި ބައްދަލު ކުރެއްވި އެވެ. އެދުވަހު އެމަނިކުފާނު ވިދާޅުވީ މާލޭ ރައްޔިތުން އެމްޑީޕީގެ ޖަލްސާއަށް ނުދިޔައީ އެ ރައްޔިިތުން ބޭނުންވާހާ ގާތަށްވެސް ސަރުކާރަށް ކަންތައްތަކެއް ކޮށްދެވިފައި ނުވާތީ ކަމަށެވެ.

ޕީޕީއެމްގެ ޖަލްސާ އާއި އެމްޑީޕީގެ ޖަލްސާ އަޅާ ކިޔާކަށް ނުޖެހެ އެވެ. އެއީ އެމްޑީޕީގެ ޖަލްސާއަކީ މާލޭ ރައްޔިތުންނަށް އެކަނި ބޭއްވި ޖަލްސާއެކެވެ. އެއާ ހިލާފަށް ޕީޕީއެމްއިން ހުކުރު ދުވަހުގެ ރޭ ޖަލްސާ ބޭއްވީ މުޅި ރާއްޖެއިން މީހުން ގެނެސްގެންނެވެ. އަޑުފެތުރިފައިވާ ގޮތުގައި ރާއްޖެއިން ބޭރުންވެސް މީހުން ގެނައެވެ.

އެރޭގައި ޖަލްސާގައި މީހުން އެއްވެފަ ތިބިވަރުން އެކަން އެމްޑީޕީގެ އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ދަނީ ފޮޓޯތަކާއި މެސެޖުތަކުގެ ސްކްރީން ޝޮޓުތަކުން ހާމަ ކޮށްދެމުންނެވެ. އެމީހުން އެކަން ކުރީ އަސްލު ޕީޕީއެމްއަށް ސަޕޯޓު ނެތްކަން ބުނެދޭށެވެ.

އެމްޑީޕީ އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ކެނޑިނޭޅި އިދިކޮޅު ފަރާތްތަކާއި ޖަދަލުކޮށް އެމްޑީޕީ ދިފާއު ކުރުމުގައި މަސައްކަތް ކުރަމުންދާއިރު އެ ޕާޓީގެ ލީޑާޝިޕުން މިހާތަނަށް ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ. އެކަމަކު އެމްޑީޕީ ލީޑާޝިޕް ސޯޝަލް މީޑިއާގައި ބަންޑުން ކުރަމުންދާ ޕޯސްޓުތަކުން އިދިކޮޅު ފަރާތްތަކާއި އާންމުން ދަނީ ޖޯކު ޖަހަމުންނެވެ.

ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފުން ފެށިގެން އެމްޑީޕީގެ މިނިސްޓަރުންނާއި މިނިސްޓަރުންގެ ނައިބުން އެ ޖަލްސާއަށް ފަހު އަނެއް ދުވަހު އިރު އެރީންސުރެ ގެންދަނީ މުޅި ރާއްޖޭގައި ސަރުކާރުުން ހިންގަމުން ގެންދާ ޕްރޮޖެކްޓުތަކުގެ މައުލޫމާތު ހިއްސާ ކުރަމުންނެވެ. ކޮންމެ ރަށެއްގެ ނަން ވަކިން، ހިނގަމުންދާ ޕްރޮޖެކްޓުތައް ވަކިން އަދި އެ ރަށެއްގައި އެ މަޝްރޫއު ހިންގުމަށް ސަރުކާރުން ބޭނުންވާ ވަރު ނުވަތަ މި ސަރުކާރަކީ އޯގާތެރި ސަރުކާރެއްކަން ބުނެދޭން ދަނީ މަސައްކަތް ކުރަމުންނެވެ.

https://twitter.com/MohamedNasheed/status/1233961213370830849

https://twitter.com/HassanLatheef/status/1233736371715493889

https://twitter.com/aisthly/status/1233947878009135105

https://twitter.com/AliHashimSmith1/status/1233989210400362497

https://twitter.com/aneelmufeed/status/1233650723725991936

އެންމެ ފަހުން ޕާޓީގެ ރައީސް، ރައީސް ނަޝީދުވެސް ވަނީ ވަޒީރުންނާއި އެކު މި މަސައްކަތް ޓުވީޓާގައި ފައްޓަވާފައި އެވެ. މަޝްރޫއުތަކާއި ގުޅޭގޮތުން ހަސަން ލަތީފު ކުރައްވާ ހުރިހާ ޓުވީޓެއް ނަޝީދު ގެންދަަނީ ރީޓުވީޓު ކުރައްވަމުންނެވެ. ހަގީގަތުގައިވެސް އެމްޑީޕީގެ ލީޑާޝިޕަށް ޕީޕީއެމްގެ އެ ޖަލްސާއަކީ ކޮރޯނާ ވައިރަސްއަށް ވުރެ ބިިރުވެރި ޖަލްސާއަކަށް ވެއްޖެ ކަން ޔަގީންވެއްޖެ އެވެ.

އެކަމަކު އެޕާޓީން ބޭއްވި ޖަލްސާއަށް ފަހު އެ ހަފްތާ ތެރޭގައި މާލެއަށް ކޮށްދެމުންދާ ކަންތައްތައް ހާމަކޮށްދެއްވާކަށް އެމްޑީޕީގެ ވެރިން މިހާ ފުޅާ ދާއިރާއެއްގައި މަސައްކަތެއް ނުކުރެ އެވެ.

އެމްޑީޕީއަށް އެކަންޏެއް ނެތް ނޫނެވެ. ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބުގައި ނާކާމިޔާބީ އައި ކުރިމަތިވެ މާޔޫސްކަން މަތީގައި އޮތް އިދިކޮޅު ޕީޕީއެމް ލީޑީާޝިޕްވެސް ތިބީ އެރޭ ޖަލްސާއަށް ދިޔަ މީހުން ގިނަ ކަމުން ހައިރާންވެފަ އެވެ. އަދި ބޮޑު ބައްޔަކުން ކައުންސިލް އިންތިހާބުގައި ސަރުކާރު ބަލި ކުރާނެ ކަމަށް ޕީޕީއެމްގެ ލީޑަރުން ވިދާޅުވެފައިވެ އެވެ.

އެކަމަކު ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ އެފަދަ ބޮޑު ކްރައުޑަކާއި އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވެރިކަމުގައި ހުންނެވި އިރު ކެމްޕެއިން ކުރެއްވި ކަމެވެ. ނަތީޖާ ފެނިގެންދާނީ މިހެން ބާއްވާ ޖަލްސާއަކުން ނޫނެވެ. ނަތީޖާ ފެންނާނީ ވޯޓެއް ނަގައި ނަތީޖާ އިއުލާނު ކުރުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް