ކައުންސިލް އިންތިހާބަށް 2435 ކެންޑިޑޭޓުން، 13 ދާއިރާއެއްގަ އިންތިހާބު ބާއްވަން ނުޖެހޭ

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި2،435 ކެންޑިޑޭޓުން ވާދަ ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. އިންތިހާބުގައި ވާދަ ކުރުމަށް ހުޅުވާލި ފުރުސަތު ހަމަވެފައިވަނީ މިދިޔަ މަހު...

01 Mar 2020 | 01:29

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި2،435 ކެންޑިޑޭޓުން ވާދަ ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިންތިހާބުގައި ވާދަ ކުރުމަށް ހުޅުވާލި ފުރުސަތު ހަމަވެފައިވަނީ މިދިޔަ މަހުގެ20 ވަނަ ދުވަހު އެވެ.

އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ މި އިންތިހާބުގައި އަމިއްލަ ގޮތުން680 ކެންޑިޑޭޓުން ވާދަ ކުރާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން1755 ކެންޑިޑޭޓުން ވާދަ ކުރާ ކަމަށެވެ.

ޝަރީފް ވިދާޅުވީ އެންމެ ގިނަ މީހުން ކުރިމަތިލީ އެމްޑީޕީންނެވެ. އެއީ 876 ކެންޑިޑޭޓުންނެވެ. ޕީޕީއެމްއިން ކުރިމަތިލި ކެންޑިޑޭޓުންގެ އަދަދަކީ 679 އެވެ. ޖުމްހޫރީ ޕާޓީން ކުރިމަތިލީ 127 ކެންޑިޑޭޓުންނެވެ. އަދާލަތު ޕާޓީން 30 ގޮނޑިއަކަށް، އެމްޑީއޭ އިން 22 ގޮނޑިއަކަށް އަދި އެމްއާރުއެމުން 16 ގޮނޑިއަކަށް ކެންޑިޑޭޓުން ނެރުނު ކަމަށް ޝަރީފް ވިދާޅުވި އެވެ. މީގެ އިތުރުން އެމްއެލްއެސްޑީޕީން ހަތަރު ގޮނޑިއަކަށް ކެންޑިޑޭޓުން ނެރުނުއިރު، ޑީއާރުޕީން ވާދަކުރަނީ އެއް ކެންޑިޑޭޓަކު ކަމަށް އީސީގެ ރައީސް ވިދާޅުވި އެވެ.

މީގެ ތެރެއިން13 ދާއިރާއެއްގެ15 ގޮނޑިއަކަށް މީހުން ކުރިމަތިލާފައިވަނީ އިންތިހާބު ކުރަން ޖެހޭ އަދަދަށެވެ. ޝަރީފު ވިދާޅުވީ އެއީ ކޮން ދާއިރާތަކެއް ކަމާއި ކޮން ޕާޓީތަކެއްގެ ކެންޑިޑޭޓުންތަކެއްކަން ހާމަ ކުރެވޭނީ ކެންޑިޑޭޓު ނަމްބަރުގެ ގުރުއަތުލުމަށް ފަހު ކަމަށެވެ.

މި އިންތިހާއި އެކު ބާއްވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވަނީ1،817 މީހުންނެވެ. އޭގެ ތެރެއިން 22 ރަށަކަށް ކުރިމަތިލާފައި ވަނީ އިންތިހާބު ކުރަންޖެހޭ އަދަދަށް ކަމަށްވާތީ ނަން އަނބުރާ ނުގެންދާ ނަމަ، އިންތިހާބަކާ ނުލައިި އެ މީހުން އެ މަގާމުތަކަށް ހޮވޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

މީގެ އިތުރުން ތިން ރަށެއްގެ އަންހެނުންގެ ކޮމިޓީ އަށް އިންތިހާބު ކުރަންޖެހޭ އަދަދަށް ވުރެ މަދުން މީހުން ކުރިމަތިލާފައިވާ ކަމަށާއި އެހެން ދެ ރަށެއްގައި އެއްވެސް މީހަކު އެ ކޮމިޓީ އަށް ވާދަނުކުރާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އެހެންވެ، އެ ރަށްތަކުގައި ކޮމިޓީތަކަށް ކުރިމަތިލާން އަލުން ހުޅުވައިލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު އެ އިންތިހާބު ބާއްވާނީ މި އިންތިހާބާއި އެކު ނޫން ކަމަށް ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބުގައި980 ކެންޑިޑޭޓުން އިންތިހާބު ކުރާއިރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް930 މެންބަރުން އިންތިހާބު ކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް