ނުރައްކާތެރި ކޮރޯނާ ވައިރަސް މުޅި ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާތީ އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ނިއުމޯނިއާ އާއި ރޯގާ ޖެހި ހާލު ސީރިއަސްވާ މީހުން އެ ބައްޔަށް ޓެސްޓު ކުރަން ފަށައިފި އެވެ.
މި ބަލި އާންމުވެ ނުރައްކާތެރިކަން ބޮޑުވިފަހުން އިއްޔެއާއި ޖެހެންދެން ރާއްޖެއިން އެ ބައްޔަށް ޓެސްޓު ކޮށްފައިވަނީ ޗައިނާއަށް ގޮސްފައިވާ މީހުން އެކަންޏެވެ. އެކަމަކު މިހާރު ބަލީގެ ނުރައްކާތެރިކަން ބޮޑުވެ ޗައިނާއަށް ނުދާ މީހުންގެ ގައިންވެސް ކޮރޯނާ ވައިރަސް ފެންނާތީ ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ.
ހެލްތް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން ޗައިނާ އަށް ދަތުރުކޮށްފައި ނުވާ މީހުންވެސް ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރަން ފަށާފައިވާ ކަމަށެވެ. އެ ބައްޔަށް ޓެސްޓު ކުރަނީ ނިއުމޯނިއާ އާއި ރޯގާ ޖެހިގެން ހާލު ސީރިއަސްވާ މީހުން ނެވެ.
އެގޮތުން އިއްޔެ ވަނީ ނިއުމޯނިއާ ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުންދާ މީހަކު ކޮރޯނާ ވައިރަސްއަށް ޓެސްޓު ކޮށްފައި އެވެ. އެމީހާ ވަނީ ބައްޔަށް ނެގެޓިވްވެފަ އެވެ.
ހެލްތް މިނިސްޓްރީން ބުނީ މިގޮތަށް ނިންމީ ރާއްޖޭގައި ބަލި ފެތުރޭތޯ ދެނެގަތުމަށް ކަމަށެވެ. ކޮރޯނާ ވައިރަސްއަށް ރާއްޖޭގައި ޓެސްޓް ކުރުމުގެ އިންތިޒާމް އައިޖީއެމްއެޗުގައި ވަނީ ހަމަޖައްސާފަ އެވެ.
އެ މިނިސްޓްރީން ބުނީ މިހާތަނަށް ވައިރަސްއަށް އެއްވެސް މީހަކު ރާއްޖެއިން ޕޮސިޓިވްވެފައި ނުވާ ކަމަށެވެ. އެކަމަކު އެ ވައިރަސްގެ ހާލަތު ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި މި ވައިރަސް ކޮންމެ ވަގުތެއްގައިވެސް ރާއްޖެ އަތުވެދާނެ ކަމަށް އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަރިދަފުސް ރޯގާ އިތުރުވެފައިވާ ދުވަސްކޮޅެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ބުނެފަ އެވެ. އަދި އިއްޔެ އައިޖީއެމްއެޗުންވެސް ވަނީ އަރިދަފުސް ރޯގާ އިތުރުވެފައިވާތީ ހޮސްޕިޓަލަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް އިލްތިމާސްކޮށްފައި އެވެ.
މީގެ އިތުރުން އެޗްޕީއޭއިން ވަނީ ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން ގައުމުތަކަށް ބޮޑުވެފައިވާތީ މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ގޮސް ނޫޅުމަށް އިލްތިމާސް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް