ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮރޯނާ ވައިރަސްއަށް މީހަކު ޓެސްޓު ކޮށްފި

މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހަކު ޓެސްޓު ކޮށްފި އެވެ. ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ އައިޖ...

01 Mar 2020 | 00:35

މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހަކު ޓެސްޓު ކޮށްފި އެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ އައިޖީއެމްއެޗު ލެބޯޓަރީގައި އެވެ. މި ވަސީލަތްތައް ރާއްޖެއަށް ދިނީ ޑަބްލިއުއެޗްއޯގެ ހިލޭ އެހީގެ ދަށުންނެވެ.

ހެލްތް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރީ ނިއުމޯނިއާ ޖެހިގެން ފަރުވާ ހޯދަމުންދާ މީހެއް ކަމަށެވެ. އެ މީހާ ބައްޔަށް ނެގެޓިވް ވެފައިވާއިރު މިހާތަނަށް މި ބަލި ހުރި އެއްވެސް މީހަކު ރާއްޖެއިން ފެނިފައި ނުވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ހެލްތު މިނިސްޓްރީން ބުނިގޮތުގައި، ކޮވިޑް-19 ގެ ހާލަތު ސަރުކާރުން އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ. އެ ވައިރަސް ރާއްޖެ އަތުވެދާނެ ކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް އެ މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.

އަދި ކޮރޯނާވައިރަސް ރާއްޖެ އިން ފެނިއްޖެ ނަމަ، އާންމު ކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ރާއްޖެއަށް ޑަބްލިއު އެޗްއޯއިން ވަނީ ކޮރޮނާ ވައިރަސްއަށް ޓެސްޓު ކުރެވޭ10 ކިޓު ހަދިޔާކޮށްފައި އެވެ. އޭގެން1000 މީހުން ބައްޔަށް ޓެސްޓު ކުރެވޭއޭއިރު ޓެސްޓުގެ ނަތީޖާ10-12 ގަޑިއިރާ ދެމެދުގައި ލިބޭނެ އެވެ.

ކޮރޯނާ ވައިރަހަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ރާއްޖޭގައި ހަމަޖެއްސުމާ ހިސާބަށް އެކަން ކުރަމުން އައީ އިންޑިއާގެ ޕޫނޭގެ ހޮސްޕިޓަލަކަށް ލޭގެ ސާމްޕަލް ފޮނުވައިގެންނެވެ. އޭރު ޓެސްޓުގެ ނަތީޖާ ލިބެން ތިން ދުވަސްވަރު ނެގި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް