ސިފައިންނަށް ވޯޓު ލެވެންޖެހޭނެ: ރައީސް ނަޝީދު

ސިފައިންގެ ހިދުމަތުގައި މަސައްކަތް ކުރާ މީހުންނަށް އިންތިހާބުތަކުގައި ވޯޓު ލެވެންޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ޑިފެންސް މިިނިސްޓަރު އާދަމް ޝަރީފް ރޭ ވިދާޅުވީ ސިފައިނ...

01 Mar 2017 | 08:47

ސިފައިންގެ ހިދުމަތުގައި މަސައްކަތް ކުރާ މީހުންނަށް އިންތިހާބުތަކުގައި ވޯޓު ލެވެންޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިިނިސްޓަރު އާދަމް ޝަރީފް ރޭ ވިދާޅުވީ ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ސިފައިންގެ ގާނޫނަށް މިއަހަރު ތެރޭގައި އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ.

އެކަމާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ސިފައިންނަކީ ގައުމު ބިނާ ކުރުމުގައި ބޮޑު ދައުރެއް އަދާކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ތިބި ބައެއް ކަމަށެވެ. ނަޝީދު ވިދާޅުވީ ސިފައިންނަށް ވޯޓު ލެވެންޖެހޭނެ ކަމަށެވެ.

ރޭ ސިފައިންގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ސިފައިންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ، މަސައްކަތް ކުރަން ޖެހޭ ބަޔަކަށް ވާތީ އެ ފުރުސަތު ފަހި މާހައުލެއް ގާއިމުކޮށްދިނުމަކީ ވިސްނަން ޖެހިފައި އޮތް ކަމެއް ކަމަށެވެ. އަދި ގައުމީ ހިދުމަތެއް ކުރެވޭނެ މަގު ގާނޫނުގެ ތެރެއިން ފަހިވެފައި އޮންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާތީ ސިފައިންނަށް ވޯޓު ނުލެވޭގޮތަށް ސިފައިންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

ސިފައިންގެ ގާނޫނުގެ 20 ވަނަ މާއްދާގައި ބުނެފައި ވަނީ ސިފައިންގެ ކޮންމެ މީހަކަށް ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. ގާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބުނެފައިވަނީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

ސިފައިންނަށާއި ފުލުހުންނަށް ވޯޓުލުމުގެ ހައްގު ލިބިދިނީ މިހާރު އަމަލު ކުރަމުން ދާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށުމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް