ސިފައިންނަށް ވޯޓު ނުލެވޭ ގޮތް ހަދަނީ ރައީސް ޔާމީނަށް ތާއީދު ނެތުމުން: ރިޔާޒު

ސިފައިންނަށް އިންތިހާބު ތަކުގައި ވޯޓު ނުލެވޭގޮތަށް ސިފައިންގެ ގާނޫނަށް އިސްލާޙު ހުށަހަޅަން އުޅެނީ ސިފައިންގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ނެތުމުން ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރ...

01 Mar 2017 | 06:31

ސިފައިންނަށް އިންތިހާބު ތަކުގައި ވޯޓު ނުލެވޭގޮތަށް ސިފައިންގެ ގާނޫނަށް އިސްލާޙު ހުށަހަޅަން އުޅެނީ ސިފައިންގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ނެތުމުން ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ރިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގާނޫނު އަސާސީން ދިވެހި ރައްޔިތަކަށް ލިބިދޭ ހައްގު ސިފައިންނަށްވެސް ލިބިދޭންޖެހޭނެ ކަމަށެވެ. ރިޔާޒު ވިދާޅުވީ ސިފައިންގެ ގާނޫނަށް ބަދަލު ގެނެސް ސިފައިން ވޯޓުލުމުގެ ހައްގުން މަހުރޫމު ކުރަން ތާއީދު ނުކުރައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ނިންމުމަކީ ސިފައިންގެ ތެރެއިން ރައީސް ޔާމީނަށް ތާއީދު ކުރާ މީހުން މަދުވުމުން، ވޯޓުލުމުގެ ހައްގު ނިގުޅައިގަތުމަށް ހިންގާ ހުދުމުހުތާރު ޖަރީމާއެއް ކަމަށެވެ.

"ސިފައިންގެ ތެރޭގައި ރައީސް ޔާމީނަށް ތާއީދު ކުރާ މީހުން މަދުވުމުން ވޯޓު ލުމުގެ ހައްގު ނިގުޅައިގަތުމަށް ހިންގާ ހުދުމުހުތާރު ޖަރީމާއެއް،" ރިޔާޒު ވިދާޅުވެފައިވެ އެވެ.

ރޭ ސިފައިންގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ސިފައިންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ، މަސައްކަތް ކުރަން ޖެހޭ ބަޔަކަށް ވާތީ އެ ފުރުސަތު ފަހި މާހައުލެއް ގާއިމުކޮށްދިނުމަކީ ވިސްނަން ޖެހިފައި އޮތް ކަމެއް ކަމަށެވެ. އަދި ގައުމީ ހިދުމަތެއް ކުރެވޭނެ މަގު ގާނޫނުގެ ތެރެއިން ފަހިވެފައި އޮންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާތީ ސިފައިންނަށް ވޯޓު ނުލެވޭގޮތަށް ސިފައިންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ އިސްލާހު މިއަހަރު ތެރޭ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

ސިފައިންގެ ގާނޫނުގެ 20 ވަނަ މާއްދާގައި ބުނެފައި ވަނީ ސިފައިންގެ ކޮންމެ މީހަކަށް ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. ގާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބުނެފައިވަނީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

ސިފައިންނަށާއި ފުލުހުންނަށް ވޯޓުލުމުގެ ހައްގު ލިބިދިނީ މިހާރު އަމަލު ކުރަމުން ދާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށުމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް