އިރާގުގެ މޯސުލްގެ ހުޅަނގު ބިތުން އައިއެސް ފައްސާލުމަށް އިރާގުގެ ސަރުކާރުގެ ފައުޖުތަކުން މީގެ ހަފްތާއެއްހާ ދުވަސްކުރިން ފެށި އޮޕަރޭޝަނާއި ގުޅިގެން އެ ސަރަހައްދުން އަށް ހާހަށްވުރެ ގިނަ މީހުން އެހެން ހިސާބުތަކަށް ހިޖުރަކޮށްފައވާކަމުގައި އދ ގެ އިންސާނީ އެހީދޭ އޭޖެންސީން ބުނެފި އެވެ.
އޯސީއެޗްއޭ ނަމަކަށްކިޔާ މި އޭޖެންސީން ބުނެފައިވަނީ ހިޖުރަކުރަމުން އަންނަ ފަރާތްތަކަށް ހިމާޔަތް ދިނުމަށް ގިނަ އަދަދަކަށް ކޭމްޕް ސެޓް ކުރުމުގެ މަސައްކަތް އެ އޭޖެންސީން ފަށާފައިވާކަމަށެވެ.
މޯސުލްގެ ހުޅަނގުބިތުން އައިއެސް ފައްސާލުމަށް އިރާގުގެ ސަރުކާރުގެ ފައުޖުތަކުން މަސައްކަތް ފަށާފައިވަނީ އެމެރިކާއިން އެކުލަވާލާފައިވާ ކޯލީޝަނާއި ގުޅިގެންނެވެ. އެ އޮޕަރޭޝަންގެ އެއްމެ ފަހުގެ މައުލޫމާތަށް ބަލާލާއިރު މޯސުލްގެ ބައިނަލްއަގްވާމީ އެއާޕޯޓުންނާއި އެ ސަރަހައްދުގެ އެއްމެ ވަރުގަދަ މިލިޓަރީ ބޭސް އިން އައިއެސްގެ ފައުޖުތައް ވަނީ ފައްސާލާފަ އެވެ. މި އޮޕަރޭޝަން ފަށާފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގަ އެވެ.
އދ ގެ އިންސާނީ އެހީދޭ އޭޖެންސީން އިތުރަށް ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ގިނަ ބަޔަކު މޯސުލް ދޫކޮށް ހިޖުރަކުރުން އެކަށީގެންވާކަމަށާއި އެ އަދަދު ދެ ލައްކަ ފަންސާސް ހާހަށް އެރުން އެކަށީގެން ވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް