އިންތިހާބުތަކުގައި ސިފައިންނަށް ވޯޓު ނުލެވޭ ގޮތަށް ހަދަން ސިފައިންގެ ގާނޫނަށް އިސްލާހު ގެންނަން މިއަހަރު ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު މިރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އެމްއެންޑީއެފްގެ 12 ވަނަ ހެވިކަމުގެ މުބާރަތް ފެށުމަށް ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ސިފައިންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ، މަސައްކަތް ކުރަން ޖެހޭ ބަޔަކަށް ވާތީ އެ ފުރުސަތު ފަހި މާހައުލެއް ގާއިމުކޮށްދިނުމަކީ ވިސްނަން ޖެހިފައި އޮތް ކަމެއް ކަމަށެވެ. އަދި ގައުމީ ހިދުމަތެއް ކުރެވޭނެ މަގު ގާނޫނުގެ ތެރެއިން ފަހިވެފައި އޮންނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ސިފައިންގެ ގާނޫނުގެ 20 ވަނަ މާއްދާ، ސިފައިން ވޯޓުލުމާ ބެހޭ މާއްދާ މިއަހަރުތެރޭ އުވާލުމަށް ހުށަހަޅާނެ ވާހަކަ ދަންނަވާލަން. ސިފައިންނަކީ ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ ތިބެ، ގައުމީ ހިދުމަތް ކުރުމުގައި މަސައްކަތް ކުރެވޭނެ ގޮތެއްގެ މަތިން ގާނޫނީ ކަންކަން ހަމަޖެއްސުމަކީ ކުރަން ޖެހިފައިވާ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ސިފައިންގެ ގާނޫނުގެ 20 ވަނަ މާއްދާގައި ބުނެފައި ވަނީ ސިފައިންގެ ކޮންމެ މީހަކަށް ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. ގާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބުނެފައިވަނީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.
ސިފައިންނަށާއި ފުލުހުންނަށް ވޯޓުލުމުގެ ހައްގު ލިބިދިނީ މިހާރު އަމަލު ކުރަމުން މިދާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށުމުން ނެވެ.
ސިފައިންގެ ހެވިކަމުގެ މުބާރާތް މި ބާއްވަނީ އަށް އަހަރުގެމެދު ކެނޑުމަކަށް ފަހު އެވެ. މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ސިޔާސީ މަޝްރަހު ހަލަބޮލިވެ ސިފައިންގެ ހެވިކަމުގެ ހަރަކާތައް ނުބޭއްވުނު ނަމަވެސް މިހާރު ގައުމު އަމާންވެފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް