ރޭ މާލޭގެ އެކި ސަރަހައްދުތަކުގައި ހިންގި މާރާމާރީތަކާއި ގުޅިގެން ފަސް މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުނެފި އެެ.
ރޭ މާލޭގައި ފުރަތަމަ މާރާމާރީ ހިންގީ ހެންވޭރު ސަލްމާން މިސްކިތް ކައިރީގައި އޮންނަ ފުޓުބޯޅަ ދަނޑު ކައިރީގައި 7:39 ހާއިރު އެވެ. އެވަގުތު ހެންވޭރުގައި ހަރަކާތްތެރިވި "ދުވަސް" ގެ ނޫސްވެރިއަކަށް ވަނީ މާރާމާރީއަށް ފަހު އެއްލާލާފައި އޮތް ވަޅިއެއް ބިންމަތިން ފެނިފައި އެވެ.
ފުލުހުން އެ ވަޅި ފެނުނު ސަރަހައްދުގައި އެވަގުތު ހަރަކާތްތެރިވަމުން ދިޔަ އިރު ވަޅި އެއްލާލާފައި އޮތީ މާރާމާރީ ހިންގި ތަނާ ވަރަށް ދުރަށް، ރާޅުގަނޑު ސަރަހައްދާއި ދިމާލަށެވެ.
އަސަރީ ހިނގުމުގައި ދެވަނަ މާރާމާރީ ހިންގީ 9:15 ހާއިރު އެވެ. މި މާރާމާރީގައި 26 އަހަރުގެ ފިރިހެނެއްގެ ކަރަށް ވަޅި އަރާފައިވެ އެވެ. އެކަމަކު އެމީހާއަށް މާ ސީރިއަސް އަނިޔާތަކެއް ނުލިބެ އެވެ.
އޭނާއަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންގެ ކާރުގައި އެވެ.
ތިން ވަނަ މާރާމާރީ ހިންގީ 11:30 ހާއިރު ވިލިމާލޭ ފެރީ ޓާމިނަލް ކައިރީގައި އެވެ. ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މި މަރާމާރީގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެ މާރާމާރީގައި އަނިޔާވި އެކަކަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށް ފުލުހުން މީޑިއާގައި ބުނެފައިވެ އެވެ. އެކަމަކު ލިބުނު އަނިޔާތަކުގެ ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ.
ހަތަރު ވަނަ މާރާމާރީ ހިންގީ ދަންވަރު 1:32 ހާއިރު މުތީ ގޯޅިގަނޑުގައި އެވެ. މި މާރާމާރީގައި މީހެއްގެ ބޯ ފަޅައިގެން ގޮސްގެން ހޮސްޕިޓަލްގައި ފަރުވާ ދީފައިވެ އެވެ. އަދި މާރާމާރީގައި ބައިވެރިވި މީހުންގެ ސައިކަލުތައް ފުލުހުން ޓޯކޮށްފައިވެ އެވެ.
މި މާރާމާރީތަކާއި ގުޅިގެން ފުލުހުން ހައްޔަރު ކުރީ ވިލިމާލޭ ފެރީ ޓާމިނަލް ކައިރީގައި ހިންގިި ހަމަނުޖެހުންތަކާއި ގުޅޭ ބަޔެކެވެ. އެގޮތުން ތިން ކުޑަކުދިން ހިމެނޭ ގޮތަށް އެ މާރާމާރީ އާއި ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފައިވެ އެވެ.
މި މައްސަލަތަކާއި ގުޅޭގޮތުން ފުލުހުން މާ ގިނަ މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ. ރޭ ހިންގި މާރާމާރީތަކަކީ ގްރޫޕު މާރާމާރީތައް ހުއްޓިފައި އޮންނަތާ ދުވަސްތަކެއްް ފަހުން ފެށުނު މާރާމާރީތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް