ސިއްހީ ހިދުމަތްތެރިންނަށް ފުރަތަމަ ވެކްސިން ދިނުން، މަސައްކަތް ކުރުމަށް ދެވޭ ބާރެއް: އައްފާލް

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ފުރަތަމަ ކޯވިޑް-19 ވެކްސިން ދިނުމަކީ މަސައްކަތް ކުރުމަށް ލިބިގެންދާ ހިތްވަރެއް ކަމަށް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވެއްޖެ އެވެ. ކ...

01 Feb 2021 | 09:34

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ފުރަތަމަ ކޯވިޑް-19 ވެކްސިން ދިނުމަކީ މަސައްކަތް ކުރުމަށް ލިބިގެންދާ ހިތްވަރެއް ކަމަށް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވެއްޖެ އެވެ.

ކޯވިޑް-19 ވެކްސިން ޕްރޮގްރާމް މިއަދު ރާއްޖޭގައި ރަސްމީކޮށް ވަނީ ފަށާފައި އެވެ. ފުރަތަމަ ވެކްސިން ދެމުން ދަނީ ސިއްހީ ހިދުމަތްތެރިންނާއި ހެލްތް ވޯކަރުންނަށެވެ.

މާލޭގައި ކޯވިޑް ވެކްސިން ދެނީ ހަ ހޮސްޕިޓަލްގައި އެވެ. އޭގެ ތެރޭގައި އޭޑީކޭ ހޮސްޕިޓަލް ހިމެނެ އެވެ.

މިއަދު އައްފާލް ވިދާޅުވީ ރާއްޖޭގައި އެންމެ ފުރަތަމަ ކޯވިޑް-19 ވެކްސިން ދޭން ކަނޑައެޅި މީހުންގެ ތެރޭގައި ސިއްހީ ހިދުމަތްތެރިން ހިމެނުމަކީ ވަރަށް އުފާވެ ލިބުނު ހިތްހަމަ ޖެހުމެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން މި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރުބަލި ކަމެއްނެތި ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އަދި މިއީ މަަސައްކަތް ކުރުމަށް ސިއްހީ ހިދުމަތްތެރިންނަށް ދެވޭ ބާރެއް ކަމަށް އައްފާލް ވިދާޅުވި އެވެ.

އެހެން ހޮސްޕިޓަލްތަކެކޭ އެއްގޮތަށް އޭޑީކޭގައިވެސް މިއަދު ކޯވިޑް ވެކްސިން ދޭނީ 40 މީހުންނަށެވެ. އައްފާލް ވިދާޅުވީ ކޯވިޑް-19 ވެކްސިން ދިނުމުގައި އަމަލު ކުރަމުން ދަނީ އެޗްޕީއޭއިން އަންގާފައިވާ ގޮތަށް ރެޖިސްޓްރީކޮށްފައިވާ މީހުންނަށް ކަމަށާއި ވެކްސިންދިނުމުގައި އިސްކަން ދޭ ތަރުތީބަކީވެސް އެޗްޕީއޭއިން އަމަލު ކުރުމަށް އަންގާފައިވާ އުސޫލު ކަމަށް ވިދާޅުވި އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ އިތުރުން މާލޭގައި ވެކްސިން ދެނީ އައިޖީއެމްއެޗް، ސެނަހިޔާ މިނިޓަރީ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލް، ހުޅުމާލޭ ހޮސްޕިޓަލް އަދި ވިލިމާލޭ ހޮސްޕިޓަލްގައި އެވެ.

މާލޭގެ އިތުރުން އައްޑޫ ސިޓީ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ސިޓީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މިއަދު ވަނީ ކޯވިޑް ވެކްސިން ދޭން ފަށާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް