މިއަދަކީ ދުނިޔޭގެ "ބުރުގާ ދުވަސް"

ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ 1 ވަނަ ދުވަހަކީ "ބުރުގާ"ގެ ދުވަހުގައި މުޅި ދުނިޔޭގައިވެސް ފާހަގަކުރާ ދުވަހެވެ. އެގޮތުން މިއަދަކީ ދުނިޔޭގެ "ބުރުގާ"ގެ ދުވަހެވެ. މުސްލިމުންގެ މެދުގައި މިދުވަސް ފާހަގަ ކ...

01 Feb 2021 | 04:56

ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ 1 ވަނަ ދުވަހަކީ "ބުރުގާ"ގެ ދުވަހުގައި މުޅި ދުނިޔޭގައިވެސް ފާހަގަކުރާ ދުވަހެވެ. އެގޮތުން މިއަދަކީ ދުނިޔޭގެ "ބުރުގާ"ގެ ދުވަހެވެ.

މުސްލިމުންގެ މެދުގައި މިދުވަސް ފާހަގަ ކުރުމާއި މެދު ޚިޔާލު ތަފާތުވެފައި ވިޔަސް، ދުނިޔޭގެ 140 ގައުމެއްގައި 2013 ވަނަ އަހަރުން ފެށިގެން މިދުވަސް އަންނަނީ ކުލަގަދަކޮށް ފާހަގަ ކުރަމުންނެވެ. މިދުވަހުގެ ޝިއާރަކީ “ބޮޑަށް ހޭލުންތެރިވެ، އިތުރަށް އެނގިގެން، އަމާން ސުލަވެރި ދުނިޔެއެއް” އެވެ. މިދުވަސް ފާހަގަ ކުރަން ފެށީ އެމެރިކާއަށް ހިޖުރަކުރި ޕާސްކިސްތާނު މުސްލިމު އަންހެނެއް ކަމައްވާ ނަޒްމާ ޚާން އެވެ.

އޭނާ ހާމަކުރައްވާފައިވާ ގޮތުގައި މިދުވަސް ފާހަގަ ކުރަން ނިންމީ ހައިސްކޫލުން ފެށިގެން ކޮލެޖު ދުވަސްތަކާއި ހަމަޔަށް ވެސް އޭނާއާއި މެދު ކުރެވުނު ތަފާތުތައް އެހެން މީހުންނާއި މެދު ނުވުމަށް އެދި އެކަމުގެ ހޭލުންތެރިކަން އެހެން ދީންތަކުގެ މީހުންގެ މެދުގައި ވެސް އިތުރުކުރުމެވެ. އެގޮތުން އޭނާ އެދުނީ ބުރުގާ އަޅާ މުސްލިމު އަންހެނުންނާއި އެއްބައިވުމުގެ ގޮތުން އެހެން ދީންތަކުގެ މީހުންވެސް ކޮންމެ އަހަރަކު 1 ދުވަހު (ފެބުރުއަރީ 1ގައި) ބުރުގާ އެޅުމަށެވެ.

މިދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގައި އުޅޭ މީހުން ދެކޭގޮތުގައި މިއީ މުސްލިމު ނޫންމީހުނަށް ވެސް ބުރުގާ ތަޖުރިބާކޮށްލަން ލިބޭ ފުރުސަތެކެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ ޒިމްބާބުވޭގެ މުފްތީ އިސްމާއިލް މެނަކް މިދުވަސް ފާހަގަކުރުމާއި ގުޅެގޮތުން ވިދާޅުވެފައި ވަނީ “ބައެއް ގައުމުތަކުން ބުރުގާ އެޅުން މަނާކޮށްފައި ވާހިނދު އަދި އެހެން ބައެއް ގައުމުތަކުން ބުރުގާ އެޅުން މަނާކުރުމާއި މެދު ވިސްނަމުންދާ ހިނދު، މިފަދަ ދުވަހެއްގެ ސަބަބުން ޑިމޮކްރެޓިކް މުޖުތަމިއުތަކުގައި އަސާސީ ހައްގަކާއި މެދު ކޮންމެހެން ބޭނުންވެފައިވާ ހޭލުންތެރިކަން އިތުރުވެގެންދާނެ. އަދި މިފަދަ ދުވަހެއްގެ ސަބަބުން ބުރުގާއާއި ބެހޭގޮތުން މީހުންނަށް ގިނަ މައުލޫމާތުތަކެއް ލިބި، ބުރުގާއެޅުން ފެށިގެން އައިގޮތާއި އެކަމުގެ ބޭނުންތެރިކަން ގިނަ ބަޔަކަށް އެނގިގެންދާނެ” ކަމަށް ވިދާޅުވެފައި ވެއެވެ.

ނަމަވެސް މިކަމާއި ދެކޮޅު ބައެއް ހަރަކާތެރި މުސްލިމުން މިދުވާހާއި މެދު ދެކޭ ގޮތް ވަރަށް ތަފާތެވެ. އެގޮތުން މުސްލިމު އަންހެނުންގެ ހައްގުތައް ހޯދުމުގައި އިސްކޮށް ހަރަކާތްރިވާ އަސްރާ ނޫމާނީ ވިދާޅުވާ ގޮތުގައި “މުސްލިމު އަންހެނެއްގެ ހައިސިއްޔަތުން އެދެނީ ދީންތަކުގެ އެކުވެރިކަން ބަދަހިކުރުމުގެ ބޭނުމުގައި އަންހެނުން ބުރުގާ ނޭޅުމަށްކަމަށެވެ. އަދި މިއީ ސިޔާސީގޮތުން ދީނީ ވަކި އުސޫލުތަކެއް ކުރިއެރުވުމުގެ މަޤުޞަދުގައި ކުރެވޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ނަމަވެސް ރާއްޖޭގައި މިދުވަސް ފާހަގަކޮށްފައިވާ ކަން އަދި އެނގޭކަށް ނެތެވެ.

ދިވެހި އަންހެނުންނާއިބުރުގާ

މީގެ ތިރީހަކަށް އަހަރު ކުރިން ދިވެހި އަންހެންވެރިންގެ ތެރެއިން ބަޔަކު “ބުރުގާ” ގެ ވައްތަރެއް އެޅިޔަސް އޭރު އެކަމެއް ކުރި ގިނަ މީހުން އެކަން ކުރީ އެއްގޮތަކަށް ވެސް ދީނީގޮތުން އެކަމަކަށް ދެވިފައިއޮތް އަހައްމިއްޔަތުކަމެއް އެނގިގެނެއް ނޫނެވެ. ބުރުގާ ނާޅާ ނުވަތަ ޢައުރަ ނިވައުނުކުރާ އަންހެނާ އަށް އާޚިރަތުގައި ލިބެން އޮތް އަޒާބެއްގެ ވާހަކަ ވެސް އޭރަކު އާންމެއް ނޫނެވެ.

އޭރު ބުރުގާ އެޅި މަދު ބަޔަކު ބުރުގާ އަޅައި އުޅުނީ މުސްކުޅި އުމުރަށް ދިޔައީމަ އެވެ. ފަހަރެއްގައި ބޮލުގައި ޖެހި ނުރަ އާއި ހުތުރުވި ސިފަ ފޮރުވުމަށެވެ.

އެހެން ނަމަވެސް ފާއިތުވި 20 ވަރަކަށް އަހަރު ތެރޭގައި ބުރުގާގެ ފޯރިއެއް ދިވެހިންގެ މެދުގައި ހިފައި، ޖިލްބާބަކަށް ފަހު ޖިލްބާބެއް ހުޅުވި، ވައްތަރަކަށް ފަހު ވައްތަރަކަށް ބުރުގާ އެޅުމާއި ބުރުގާ އަޅައި ދިނުން ވެސް މިއަދު މި އޮތީ އާންމުވެފަ އެވެ. ބަޔަކު މީހުން ދިރާސާއެއްކޮށްފި ނަމަ ޔަގީނަށް ވެސް މަސްތުވާތަކެއްޗަށް ފަހު އެންމެ ބޮޑު ވިޔަފާރި މާކެޓެއް މި ރާއްޖޭގައި މިހާރު އޮތީ ބުރުގާއަށްކަން އެނގިގެންދާނެ އެވެ.

މިސާލަކަށް މަޝްހޫރު “ޖިލްބާބް” ފިހާރަތަކުން ވެސް ބުރުގާއާ ގުޅޭ ނުވަތަ އެ އެއްޗެހިތަކަކާ ނުލައި ބުރުގާ ފުރިހަމަނުކުރެވޭ އެތައް ސަތޭކަ އިތުރު ސާމާނުތަކެއް އެބަ ވިއްކަ އެވެ. އަނެއްކޮޅުން ހަފުލާތަކަށް ދާ މީހާ އަށް އަގުބޮޑުކޮށް ބުރުގާ އަޅައިދޭން މީހުން ތިބިއިރު ކައިވެންޏަކަށް ތައްޔާރުވާ އަންހެން ކުއްޖާ އަށް މި ޖެހެނީ އެތައް ހާސް ރުފިޔާއެއް ހޭދަކޮށްގެން ބުރުގާއެއް ޖަރީކުރާށެވެ. މި ކަންކަމަށް ހާއްސަ ތަޖުރިބާކާރުންގެ އެކި ކަހަލަ ގްރޫޕްތައް ފޭސްބުކް ފަދަ ސޯޝަލް މީޑިއާތަކުގައި ވަރަށް އާންމު ވެސްމެ އެވެ.

ކުރުކޮށް ބުނާ ނަމަ ބުރުގާ އަކީ ދިވެހި އަންހެނުންގެ ބަދަލުވަމުން އައި ފެޝަން ނުވަތަ ހެދުން އެޅުމުގެ ވައްޓަފާޅި އަށް އެންމެ ބޮޑު އިންގިލާބެއް ގެނައި “ފޮތިކޮޅެވެ”. ބުރުގާ އެޅުން މިއަދު މި ވަނީ ބޮޑު ފެޝަނަކަށް ބަދަލުވެ އަދި އެހައިމެ ބޮޑު ވިޔަފާރިއަކަށް ވެސް ބަދަލުވެފަ އެވެ.

މުޖުތަމަޢުގެ ޙާލަތު މިވަރަށް ބަދަލުވެފައި އޮތުމުން ކުރިން ބުރުގާ އަޅަން ބޭނުންނުވި އަންހެންވެރިންވެސް ފަހުން ބުރުގާ އަޅައިގެން އުޅޭ މަންޒަރު ފެނެއެވެ. ބުރުގާއާ ނުލައި ދިވެހިންގެ އެންމެ ފަހުގެ ފެޝަން ޓްރެންޑްތަކަށް ފޮލޯނުކުރެވޭނެތީ އެވެ.

މީގެ 15 ވަރަކަށް އަހަރު ކުރިން މުޅި ރާއްޖޭގައި ބުރުގާ އެޅުން އާންމުވި އެންމެ ބޮޑު ސަބަބަކީ ދިވެހިންގެ ހިތްތަކަށް ޤިޔާމަތުގެ ބިރުވެރިކަން ވައްދައިދިން ސިލްސިލާ ދީނީ ދަރުސްތަކެވެ. މި ދަރުސްތަކެއް މުޅި ރާއްޖޭގައި އާންމުވެގެންދިޔަ އިރު އޭރު އެރި ސުނާމީއެއްގެ ބިރުވެރިކަމަކުން ވެސް ވަރަށް ގިނަ ދިވެހިން ތިބީ އަރައިނުގަނެވިފައެވެ.

އެހެންކަމުން ވަރަށް ގިނަ ބަޔަކު އިސްލާހުގެ މަގު ހިޔާރުކޮށް ހެޔޮނިޔަތުގައި ދިރިއުޅުން ބާއްޖަވެރިކުރުމަށް ހިފިއެވެ. އެގޮތުން ދީނީ ގޮތުން އަހުލާގީ ބޮޑެތި ބަދަލުތަކެއް މީހުންގެ ދިރިއުޅުމަށް ގެނައެވެ.

ނަމަވެސް ޒަމާނުގެ އޮއިވަރުގައި ޖެހި ހިތާއި ހިޔާލު ކިލަނބުވެ، އަޅައިގެން ތިބި ބުރުގާ ވެސް ކިލާވެގެން ދިޔައީ އެވެ. އެހެން ނަމަވެސް ދީނުގައި ބުރުގާ އަށް އޮތް މަގާމާއި އަންހެނާގެ އައުރަ ނިވައުކުރުމަށް ކުރަން ޖެހޭ ކަންކަމަށް ބަދަލެއް އައިސްފައެއް ނެތެވެ.

ބުރުގާއެޅުމުގައި، ނުވަތަ އަންހެނާގެ އައުރަ ނިވާކުރުމުގައި ޝަރުތުތަކެއް ކަނޑައަޅުއްވާފައި އެބަހުއްޓެވެ. މިގޮތުން، އަޅާހެދުމަކީ ހަށިގަނޑުގެ ގުނަވަންތައް ފާޅުނުވާ ވަރުގެ ބޯ ހެދުމަކަށް ވާންޖެހޭނެއެވެ. ވަނާތައް ނޭނގޭވަރުގެ ދޫ ހެދުންތަކަކަށް ވާންޖެހެއެވެ.

ހަށިގަނޑުގެ ގުނަވަންތަށް ފެންނަ ގޮތަށް ހުންނަ ހެދުން އެޅުމުން އަންހެނާގެ އައުރަ ނިވައެއް ނުކުރެވެއެވެ. އެހެން ނަމަވެސް ބުރުގާގެ ފެޝަންތަކާ އެކު ގިނަ ފަހަރަށް އަންހެން މީހާގެ ނިވައުވެފައި އޮންނަނީ ހަމައެކަނި ބޮލުގެ އިސްތަށިގަނޑެވެ.

އައުރަ ނިވައު ކުރުމަށް ކީރިތި ޤުރުޢާނާއި، މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމްގެ ހަދީޘްފުޅުތަކުން މުސްލިމު އަންހެނުންނަށް ވަނީ އަމުރުކުރެވިފަ އެވެ. އަދި އައުރަ ނިވާނުކުރާ އަންހެނުންނަށް ހުރި ގަދަފަދަ އަޒާބުގެ ވާހަކަ ވެސް ބަޔާންވެގެން ވެއެވެ.

މިކަން ބަޔާން ކުރައްވާ އަހުޒާބު ސޫރަތުގެ 59 ވަނަ އާޔަތުގައި ވަނީ

“އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނަށާއި، މުއުމިނު އަންހެނުން އެކަނބަލުންގެ ފޭރާންތަކުން ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާ ގާތްކަން ބޮޑެވެ”.

ޢައުރަ ނިވައުނުކޮށް ނުވަތަ ހެދުން އަޅައިގެންނޭ ކިޔާފައި “އޮރިޔާމުން” ތިބޭ އަންހެނުންގެ ވާހަކަ ހަދީޘްފުޅުތަކުގައި އައިސްފައިވެއެވެ. އެކަނބަލުންނަށް ސުވަރުގެ ނުވަދެވޭނެކަމާއި، ސުވަރުގޭގެ ވަސްވެސް ނުލިބޭނެ ވާހަކަ ބަޔާންވެގެން އައިސްފައިވެ އެވެ.

އެހެން ކަމުން އަންހެނާ އަޅާ ހެދުން ވާން ޖެހޭނީ މޫނާއި ދެ އަތްތިލަ ފިޔަވައި ހަށިގަނޑުގެ އެހެން ހުރިހާ ގުނަވަނެއް، ތަނެއް ފޮރުވޭ ފަދަ ހެދުމަކަށެވެ. މިއީ ދީނުގައި މިކަން އޮތް ގޮތް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިން ބުނެ އެވެ. ބައެއް އިލްމުވެރިން ވިދާޅުވާގޮތުގައި މޫނާއި ދެ އަތްތިލަވެސް ނިވާކުރަން ޖެހޭނެއެވެ. ޚާއްސަކޮށް ފިތުނަވެރި މުޖުތަމައުތަކުގައެވެ.

މިއަދު 1 ފެބްރުއަރީގައި ދުނިޔޭގެ "ބުރުގާ" ގެ ދުވަސް ފާހަގަކުރަމުން ދާއިރުގައި މިހާރު ރާއްޖޭގައި މިއޮތް ހާލަތަށް ބަލާއިރު، ނަމަކަށް ބުރުގާ އަޅާއެޅުން ބަދަލުކުރަން އެބަޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް