ނިމިދިޔަ 2016 ވަނަ އަހަރަކީ ރައްޔިތުންނަށާއި ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ދިން އަހަރެއް ކަމުގައި އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީ އިން ބުނެފި އެވެ.
އެމްޑީޕީން މިހެން ބުނެފައިވަނީ މިއަދު ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި އެމްޑީޕީ އިން ބުނެފައިވަނީ ފާއިތުވި 2016 ވަނަ އަހަރަކީ ރައީސް ޢަބްދުﷲ ޔާމިނުގެ ސަރުކާރުން ރައްޔިތުންގެ ބައިތުލްމާލުން ވައްކަންކުރުމާއި، ފަސާދަހިންގުމާއި އަދި އެޖަރީމާތައް ފޮރުވުމަށާއި އެޖަރީމާތައް އިތުރަށް ގިންގުމަށްޓަކައި މުޅި ޑިމޮކްރެޓިކް ނިޒާމު ހަލާކުކޮށްލުމުގެ ގިނަގުނަ ޢަމަލުތަކެއް ހިންގައި ދިވެހިރައްޔިތުންނަށާއި ދައުލަތަށް ބޮޑެތި ގެއްލުންތައް ދިން އަހަރެއްކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމަށެވެ.
މިގޮތުން ދިވެހިރައްޔިތުންނަށާއި މުޅި ދައުލަތަށް ދީފާއިވާ ބޮޑެތި ގެއްލުންތަކުގެ ފުރިހަމަ ޒިންމާ ނަންގަވަންޖެހިވަޑައިގަންނަވާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނެވި ރައީސް ޢަބްދުﷲ ޔާމިންކަމުގައި ދެކެމެވެ. އަދި މި ޖަރީމާތަކުގެ ފުރިހަމަ ޖިނާޢީ ތަޙްޤީޤެއް ހިންގަވައިފި ނަމަ އެމަނިކުފާނަށް އެކަމުން ރެކިވަޑައިގަނެވޭނޭ ގޮތެއް ނޯންނާނޭކަމުގައި ވެސް ދެކޭކަމުގައިވެސް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
"ނިމި ދިޔަ 2016 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ ރަށްތަކާއި ފަޅުތަކާއި ފަރުތައް އެއްވެސް ބިޑުކުރުމެއް ނެތި ސަރުކާރުން ބޭނުންވި ބަޔަކަށް ނުއަގުގައި ވިއްކައި ރައްޔިތުންގެ ނުރުހުމުގައި މި ޤައުމުގެ ހަރުމުދަލަށް އެތަކެއް ގެއްލުންތަކެއް ދިން އަހަރެކެވެ. އަދި ރައްޔިތުން ޒިންމާވާން ޖެހޭ ގޮތަށް އެއްވެސް ހަރުދަނާ އުސޫލެއް ނެތި، އެކިއެކި ތަންތަނުން ބޮޑެތި ޢަދަދުތަކުން ލޯނު ނެގުމާއި ބޮންޑު ވިއްކުމާއި އެކިއެކި ފަރާތްތަކަށް ސަވްރިން ގެރެންޓީ ދިނުންފަދަ ގެއްލުން ބޮޑެތި ކަންތައްތަކެއް ހިންގައި ރައްޔިތުން ދަރަނިވެރިކުރުވި އަހަރެއް، އަދި އިޤްތިޞާދީ ގޮތުން ޤައުމު ދަށަށްގޮސް އަދި އެކިއެކި ޓެކްސްތަކާއި އެކިގޮތްގޮތުން ރައްޔިތުންގެ އަތުން ފައިސާ ނެގުން އިތުރުކޮށް، އެހެން ނަމަވެސް ރައްޔިތުންގެ އާންމުދަނީއާއި ދިރިއުޅުމުގެ ހާލަތަކު އެތަށް ތަނަކުން ދަށަށް ދިއަ އަހަރެއް، އަދި އިންފްލޭޝަން 2 އިންސައްތައަށް އުފުލުމުން އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ ރައްޔިތުންނަށް އިންތިހާއަށް ކުރަމުންދާކަން ފާހަގަކުރަން" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ 2016ވަނަ އަހަރަކީ ކަރަންޓާއި، ފެނާއި، އެނޫން ވެސް ޚިދުމަތްތަކުން ރައްޔިތުންގެ އަތުން ނަގާ ފައިސާ އިތުރުކޮށް ރައްޔިތުން ހާލުގައި ޖެއްސި އަހަރެކެވެ. އަދި ހަނޑޫ ހަކުރު ފުށުން 100 ޕަސެންޓު އަގުބޮޑުކޮށް ރައްޔިތުންގެ ގޮހޮރަށް ސަރުކާރުން އަތްބޭނި އަހަރެއްކަން ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމަށެވެ.
ދުނިޔެ ޤަބޫލުކުރާ ހަމަތަކާއި އިންސާފާއި ޑިމޮކްރެސީއާއި މިނިވަންކަމުގެ ގޮތުން ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުން ރާއްޖެ ފަހަތަށް ޖެއްސުމުގެ ސަބަބުން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކުރިމަތީގައި ރާއްޖޭގެ ޢިއްޒަތާއި ޝަރަފު 2016 ވަނަ އަހަރުގައިވަނީ ބޮޑުތަނުން ގެއްލުވާލާފައި ކަމަށާއި އަދި ނާތަހުޒީބު ސަރުކާރުތަކުން ޢަމަލުކުރާގޮތަށް ކޮމަންވެލްތުން ދިވެރާއްޖެވަކިވެ، ބަވަނަވަންތަ ދުނިޔެއެއްގައި އުޅުމުން ލިބޭނޭ އެހީތަކުން ދިވެހިންވަނީ 2016 ވަނަ އަހަރު އިތުރަށް މަހުރޫމް ކޮށްފައި ކަމުގައިވެސް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ޝަރުޢީ ނިޒާމާއި މިނިވަން މުއައްސަސާތަކުގެ މިނިވަންކަން 2016 ވަނަ އަހަރު ވަނީ ބޮޑުތަނުން ދަށަށް ގޮސްފައި ކަމަށެވެ. އަދި ޝަރުޢީ ނިޒާމުގެ ތެރެއިން އިންސާފު ލިބެނީ ވަކި މީހަކު ނުވަތަ ވަކި ބަޔަކު ބޭނުންވާ ގޮތަށް ކަމަށް މިއަދު ދިވެހިން ގަބޫލުކުރާ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކުގެ ނަމުގައި އުފައްދާފައިވާ މުއައްސަސާތަކުން ވެސް ކަންކަން ކުރަނީ ސަރުކާރުން ބޭނުންވާތޮތަށް ކަމާމެދަކު ދިވެހިން ޝައެއްކެއް ނުކުރާ ކަމަށާއި އިލެކްޝަން ކޮމިޝަން މަސައްކަތްކުރާ ގޮތަށް އެކަނި ބަލައިލިޔަސް މިކަން ސާފުވާނެ ކަމަށެވެ.
"ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމާއި، އެއްވެ އުޅުމާއި، މިނިވަން ނޫސްވެރިކަންކުރުމާއި ސުލްޙަވެރި ސިޔާސީ ހަރަކާތްތައް ހިންގުން ފަދަ ޑިމޮކްރެސީގެ އަސާސްތައް ނެތިކޮށްލައި، 2016 ވަނަ އަހަރު ރާއްޖޭގެ ޑިމޮކްރެސީއަށް ބޮޑެތި ގެއްލުންތައް މި ސަރުކާރުން ދީފައިވޭ" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ފާއިތުވެ ދިއަ އަހަރުގެ ތެރޭގައި ހައްދުފަހަނާޅައި ދިއުމާއި ޓެރަރިޒަމަށް ރެކުރޫޓުކުރާ ޤައުމެއްގެ ގޮތުގައި ބެލެވޭ ޢަމަލުތައް ރާއްޖޭގައި ހިންގަމުންދިއަ އިރު، ސަރުކާރުން އެކަމާ ފިޔަވަޅު އެޅުމެއް ނެތި، ޓެރަރިޒަމުގެ ޤާނޫނުގެ ނަހަމަ ބޭނުން ހިފައިގެން ސިޔާސީ އިދިކޮޅު ލީޑަރުންގެ މައްޗަށް ނުޙައްޤު ދަޢުވާތައްކޮށް ދިގުމުއްދަތަކަށް ޖަލަށްލުމުގެ ސަބަބުން މުޅިދުނިޔެ އެކަމާ ފާޑުކިޔަމުންދާކަން ފާހަގަކުރާ ކަމަށެވެ. އަދި ސިޔާސީ ފަރާތްތައް މިގޮތަށް ބަންދުކުރެވިފައިވުމާއި ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަން ބާރުގެ ބޭނުންކޮށްގެން ރައްޔިތުންގެ ކިބައިން ނިގުޅައިގަންނަމުން ދިއުމުގެ ސަބަބުން 2016 ވަނަ އަހަރު ވެގެންގޮސްފައިވަނީ ދިވެހި ރާއްޖޭގެ ޑިމޮކްރެސީގެ ހުޅުކޮޅު ވަރަށް ބޮޑަށް ހަނިވި އަހަރެއްގެ ގޮތުގައި ކަމަށެވެ. ޑިމޮކްރެސީގެ އުންމީދުގައި ތިބި ދިވެހި ރައްޔިތުންނަށް ހިތްދަތިކަން ލިބުނު އަހަރެއްގެ ގޮތުގައި ކަމަށެވެ.
އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ 2016 ވަނަ އަހަރަކީ ހުރިހާ ގޮތަކުންވެސް ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުން ދިވެހިރައްޔިތުންނަށާއި މުޅި ދައުލަތަށް ބޮޑެތި ގެއްލުންތަކެއްދީ، ނުތަނަވަސްކަމާއި ބިރުވެރިކަން އުފެއްދި އަހަރެއް ކަމަށެވެ. އަދި ރާއްޖޭގެ ކުރިއެރުމާއި ފާގަތިކަމާއި ދުރުމުސްތަގުބަލުގެ ސަލާމަތަށް ނުރައްކާ ވާފަދަ އެތައް ޖަރީމާތަކެއް ސަރުކާރުން ހިންގި އަހަރެއް ކަމަށެވެ. އަދި އެމްޑީޕީ އުންމީދުކުރަނީ އިދިކޮޅު ހުރިހާ ފަރާތެއްގެ އެއްބާރުލުމާއި ހިތްވަރާއެކު 2017 ވަނަ އަހަރު ކުރެވޭ ޑިމޮކްރެޓިކް މަސައްކަތުން މި ގޮތް ބަދަލުކުރެވި ދިވެހިރާއްޖެ މި ނުރައްކަލުން ސަލާމަތް ކުރެވޭނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް