ނިމިގެން މިދިޔަ އަހަރަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމުގައި ގިނަގުނަ ކާމިޔާބީތަކެއް ހާސިލު ކުރެވުނު އަހަރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މީލާދީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
އެމަނިކުފާނުގެ ޚިޠާބުގައި މީލާދީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ. އަދި ނިމިގެންދިޔަ 2016 ވަނަ އަހަރަކީ، ދިވެހިރާއްޖޭގެ ރައްޔިތުން ޞުލްޙަވެރިކަމާއި، އަމަންއަމާންކަންމަތީގައި އުފާވެރިކަމާއެކު ހޭދަކުރި ފާގަތި އަހަރެއްކަމަށާ ރައްޔިތުންނަށް ދަތިވެފައިވާ އެތައްކަމަކަށް ޙައްލު ހޯދައިދިނުމުގަޔާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްތަކެއް ކުރެވިފައިވާ އަހަރެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވާފައި ވެ އެވެ.
ހަމައެއާއެކު، އެމަނިކުފާނުގެ ޚިޠާބުގައި 2016 ވަނަ އަހަރަކީ ރާއްޖޭގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ފަށައި، ހިންގަމުން ގެންދެވުނު އަހަރެއްކަމަށާ ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރުމަށްޓަކައި، ގިނަގުނަ ފިޔަވަޅުތަކެއް އަޅައި، ކާމިޔާބީތަކެއް ހާސިލުކުރެވުނު އަހަރެއްގެ ގޮތުގައި ނިމިގެންދިޔަ އަހަރު ސިފަކުރައްވާފައި ވެ އެވެ.
މީގެ އިތުރުން، ވޭތުވެދިޔަ އަހަރުވެސް ޒުވާނުންގެ ހުނަރާއި ޤާބިލުކަން އިތުރުކޮށް، މުޖްތަމަޢަށް ފައިދާކުރަނިވި ބަޔަކަށް ޒުވާނުން ހެދުމަށްޓަކައި، ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، ވޭތިވެދިޔަ އަހަރަކީ، ގިނަ އަދަދެއްގެ ޒުވާނުންނަށް ވަޒީފާ ހަމަޖައްސައިދެވުނު އަހަރެއްކަމަށް އެމަނިކުފާނު ފާހަގަކުރައްވާފައި ވެ އެވެ.
އަދި، މިއަދު މި ފެށުނު، 2017 ވަނަ އަހަރަކީ، މިދިޔަ އަހަރު ހިންގަންފަށައި، ނުނިމިހުރި ވަރަށްގިނަ މަޝްރޫޢުތަކެއް ނިމޭނެ އަހަރެއްކަމަށާ މި ފެށުނު އާއަހަރަކީ، ތަރައްޤީގެ އާ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ހިންގޭނެ އަހަރަކަށް ވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް