އައިއެންއައިއޭގެ ނަން "ވެލާނާ" އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލުކޮށްފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ނަން "ވެލާނާ" އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމަށް ބަދަލުކޮށްފި އެވެ. މިކަމަށް ޓަކައި މިރޭ 12:00 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި...

31 Dec 2016 | 19:11

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ނަން "ވެލާނާ" އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމަށް ބަދަލުކޮށްފި އެވެ.

މިކަމަށް ޓަކައި މިރޭ 12:00 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ރަސްމީކޮށް ނަން ބަދަލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމަށް ބަދަލު ކުރި ފަހުން އެންމެ ފުރަތަމަ އެއާޕޯޓަށް ޖެއްސީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓު ކިއުޓޫ 701 އެވެ. ބަންގްލަދޭޝްގެ ވެރިރަށް ޑާކާއިން ފުރައިގެން އައި ފްލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ މަރުހަބާ ކިޔުމުގެ ގޮތުން ވޯޓާ ސެލިއުޓު އަރުވާފައި އެވެ. އަދި ހަވާ އަރުވާފައިވެ އެވެ.

އައިއެންއައިއޭގެ ނަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމަށް ބަދަލުކުރަން ރައީސް ޔާމީން ނިންމެވީ 2016 ޑިސެމްބަރު 26، ގައި އެވެ. ސަރުކާރުން ބުނެފައިވަނީ އެއާޕޯޓުގެ ނަން ބަދަލު ކުރަން ނިންމީ ދިވެހިރާއްޖެ ދެކެމުން އަންނަ ތަރައްގީއާއި، ސަރުކާރުން ކުރިޔަށް ރާވާފައިވާ އިގްތިސާދީ އެޖެންޑާއާ ފައިހަމަކުރެވޭ ގޮތަށް، އަދި ތަރައްގީއަށް މަގުފަހިކޮށްދޭ ތަނަކަށް އެއާޕޯޓު ބަދަލު ކުރުމަށް ކަމަށެވެ.

އެންމެ ފުރަތަމަ "ހުޅުލޭ އެއާޕޯޓް"ގެ ނަމުގައި ހިންގި އެއާޕޯޓްގެ ނަން "މާލޭ އިންޓަނޭޝަނަލް އެއާޕޯޓް"ގެ ނަމަށް ބަދަލުކުރީ 1981 ވަނަ އަހަރު ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އެވެ. އޭގެ ފަހުން "އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް"ގެ ނަމަށް ބަދަލުކުރެއްވީ 2011 ޖުލައި 26، ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް