އެމެރިކާ ޤައިދީ ހޭ އެރިއިރު މަރާލަން އިންޖެކްޝަން ޖެހިކަން ހަނދާނެއް ނެތް!
އެމެރިކާގެ ޓެނެސީ ސްޓޭޓުގައި މަރުގެ ޙުކުމް ތަންފީޒުކުރުމަށް ދެ ފަހަރެއްގެ މަތިން ވިހަ އިންޖެކްޝަން ޖެހުމުންވެސް މަރުނުވެ ސަލާމަތްވި ޤައިދީ ކްރިސްޓާ ޕައިކް ހޭ އަރައި ވާހަކަ ދައްކަން ފަށައިފިއެވެ.
ޢުމުރުން 50 އަހަރުގެ ޕައިކުގެ ވަކީލުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އޭނާއަށް ސީރިއަސް ފަރުވާތަކެއް ދެމުންދާ ދަނީ ހޮސްޕިޓަލުގެ އެނދުގައި ބިޑި އަޅުވައި ކަސްތޮޅު އަޅައިފައި ބާއްވައިގެންކަމަށެވެ. މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.
ޕައިކަށް ފަރުވާދެމުންދާ ޑޯކްޓަރުން މީޑިއާގައި ބުނީ އޭނާ ވެންޓިލޭޓަރުން ނަގައި އާންމު ހާލަތުގައި ފަރުވާ ދެމުންދާ ކަމަށެވެ. ކޮންމެސް ވަރަކަށް ވާހަކަ ދައްކާއިރު މަރުގެ ޙުކުމް ތަންފީޒުކުރަން އުޅުނު ކަމެއް ޕައިކަށް ހަނދާން ނެތް ކަމަށް ބެލެވޭ ކަމަށް ޑޮކްޓަރުން ބުންޏެވެ.
ނަމަވެސް އޭނާ ގަސްދުގައި އެކަމާ ގުޅޭގޮތުން ވާހަކަ ނުދައްކަނީ ކަމެއް ނުވަތަ ހަމަ އަސްލު ހަނދާން ނެތީކަން އަދި ޔަގީން ނުކުރެވޭ ކަމަށް ބުނެފައިވެ އެވެ. އެކަން ޔަގީން ވާނީ އިތުރު ޓެސްޓުތަކަކަށް ފަހު އެވެ. މިހާތަނަށް ދެކެވުނު ވާހަކައިގެން ޕައިކަށް އޭނާގެ ނަން ބުނެދޭން އެނގުނަސް ތާރީޚެއް ބުނެދޭން އެދުމުން އަދިވެސް ސެޕްޓެމްބަރު މަހުގެ ތާރީހުތައް ބުނަމުންދާ ކަމަށް ޑޮކްޓަރުން ބުނެފައިވެ އެވެ.
ސެޕްޓެމްބަރު 30 ވަނަ ދުވަހު ޕައިކަށް ދެ ފަހަރު ޕެންޓޯބާބިޓޮލް ނަމަކަށް ކިޔާ ކެމިކަލް އިންޖެކްޓް ކޮށްގެންވެސް މަރުނުވުމުން އޭނާ ހޮސްޕިޓަލަށް ގެންގޮސް، ހަށިގަނޑުން ކެމިކަލް ސާފުކުރުމުގެ މަސައްކަތުގައި އެތައް ދުވަހެއް ވާންދެން ހޭނެތިފައި އޮތެވެ.
ރިޕޯޓުތައް ބުނާގޮތުގައި ވިހައެއް ޖަހައިގެން މެރުމުގެ އިންޖެކްޝަނަކުން ސަލާމަތްވި ހަމައެކަނި ފަރާތަކީ ޕައިކް ކަމަށް ބެލެވެއެވެ. ފޯޑޭމް ލޯ ސްކޫލުގެ ޕްރޮފެސަރު ޑެބޯރާ ޑެނޯ މީޑިއާގައި ބުނީ ޕައިކް ހޭ އެރި ޚަބަރާ މެދު އޭނާ "ވަރަށް ބޮޑަށް ހައިރާންވި" ކަމަށެވެ. ކުރިން ހަތް ޤައިދީއެއް މަރުގެ ޙުކުމުން ސަލާމަތްވެފައި ވީ ނަމަވެސް، އެ ހުރިހާ ފަހަރެއްގައިވެސް ނާރަށް އެއްވެސް އެއްޗެއް ނުޖެހެނީސް ޙުކުމް ހުއްޓުވީ ކަމަށް ޑެނޯ ފާހަގަކުރިއެވެ.
އޭނާއަށް ފަރުވާ ދިން ޑޮކްޓުން ބުނި ގޮތުގައި ޕެންޓޯބާބިޓޮލް ލޭ ނާރު ތެރެއަށް އެކަށީގެންވާ ވަރަށް ވާސިލުނުވެ ހަންގަނޑު ދަށުގެ ޓިޝޫއަށް ފެތުރުނީ ކަމަށް ބެލެވެއެވެ. ޕައިކުގެ ވަކީލުން ކުރިންވެސް ވަނީ އޭނާގެ ސިއްޙީ ޙާލަތުގެ ތެރޭގައި ހިމެނޭ ލޭ ގަނޑުވުމުގެ ބައްޔަކާއި ހިމަ ނާރުތަކުގެ ސަބަބުން އެކްޒެކިއުޝަން ނާކާމިޔާބުވެ ތަދު ލިބިދާނެ ކަމުގެ އިންޒާރު ދީފައެވެ.
ޕައިކްއަށް މަރުގެ ހުކުމް އިއްވީ 1995 ގައި ލޯބިވެރިޔާ ޓެޑެރިލް ޝިޕް އާ ގުޅިގެން ޢުމުރުން 19 އަހަރުގެ ކޮލީން ސްލެމާ ގައިގަ ތަޅައި، އަނިޔާކޮށް މަރާލި ކަމުގެ ކުށް ސާބިތުވެގެންނެވެ. އޭރު ޕައިކްގެ އުމުރުން 18 އަހަރެވެ. އަދި ލޯބިވެރިޔާ ޝިޕްގެ އުމުރުން 17 އަހަރެވެ.
މި މައްސަލައިގަ ޕައިކަށް މަރުގެ ހުކުމް އައި ނަމަވެސް ޝިޕް އޭރު ޢުމުރުން 17 އަހަރު ކަމުން 18 އަހަރު ނުފުރޭ ފަރާތެއްގެ ގޮތުގައި މަރުގެ ޙުކުމުން ރެކި، ޖަލުގައި ހުކުމް ތަންފީޒުކުރަމުންދެއެވެ.