މި އަހަރުގެ ފުރަތަމަ އަށް މަހު ކައުންސިލް ގްރާންޓުގެ ގޮތުގައި 1.8 ބިލިޔަން ރުފިޔާ ދޫކޮށްފި
މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.8 ބިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ އެ މުއްދަތުގައި ކައުންސިލުތަކަށް ދޫކޮށްފައި ވަނީ 1.6 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މި އަހަރު ދޫކުރި އަދަދަކީ %12 ގެ ކުރިއެރުމެކެވެ. މި އަހަރުގެ ބަޖެޓުގައި ކައުންސިލް ގްރާންޓަށް ޖުމްލަ 2.4 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، ރާއްޖޭގެ ތާރީހުގައި ވެސް ކައުންސިލުތަކަށް އެންމެ ބޮޑު ބްލޮކް ގްރާންޓެއް ބަޖެޓުކުރި އަހަރަކީ މި އަހަރެވެ.
ފާއިތުވި އަހަރުތަކަށް ބަލާއިރު، 2023 ވަނަ އަހަރު ކައުންސިލް ގްރާންޓަށް 2.1 ބިލިޔަން ރުފިޔާ ބަޖެޓުކުރި ނަމަވެސް އެ އަދަދަށް ވުރެ އިތުރަށް އަށް މިލިޔަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އޭގެ ކުރީ އަހަރު ދޫކުރީ 2.2 ބިލިޔަން ރުފިޔާއެވެ. އަންނަ އަހަރަށް ކައުންސިލް ގްރާންޓުގެ ގޮތުގައި 2.5 ބިލިޔަން ރުފިޔާ ކަނޑައެޅުމަށް ވެސް ނިންމާފައިވެއެވެ. ސިޓީ ކައުންސިލުތަކަކީ ބްލޮކް ގްރާންޓުން އެންމެ ބޮޑު ހިއްސާއެއް ލިބޭ ފަރާތްތައް ކަމުގައި ވާއިރު، އެންމެ ބޮޑު ބަޖެޓެއް ކަނޑައެޅިފައި އޮތީ މާލޭ ސިޓީ ކައުންސިލަށެވެ. 2020 ވަނަ އަހަރުން ފެށިގެން ކައުންސިލުތަކަށް ފައިސާ ދޫކުރަމުން ދަނީ ދައުލަތުގެ އާމްދަނީއަށް ބިނާކޮށް ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއްގެ ދަށުންނެވެ.
މި ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނިންމާފައިވެއެވެ. އެ ގޮތުން މިހާރު އަތޮޅު ކައުންސިލުތައް އުވައިލާފައިވާތީ، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް ގްރާންޓުން ލިބޭ އިންސައްތަ ބޮޑުވާނެ ކަމަށް ސަރުކާރުން ކުރިން ވިދާޅުވެފައިވެއެވެ. ހަމައެއާ އެކު، ކުރިއަށް އޮތް ތަނުގައި ބަޖެޓު ކަނޑައެޅުމުގައި ހަމައެކަނި އާބާދީއަށް ބެލުމުގެ ބަދަލުގައި ރަށުގެ ބިމުގެ ބޮޑުމިނަށް ވެސް ރިއާޔަތްކޮށް ފައިސާ ދޫކުރާ ގޮތަށް އުސޫލު ބަދަލުކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ. ސަރުކާރުން ދެކޭ ގޮތުގައި މި ފިޔަވަޅުތަކުގެ ސަބަބުން ކައުންސިލުތަކުގެ މާލީ ތަނަވަސްކަން އިތުރުވެ، ތަރައްގީގެ މަޝްރޫއުތައް ހަރުދަނާ ކުރެވޭނެއެވެ.