Advertisement

އެމެރިކާގެ ފިޔަވަޅުތަކާ ހެދި އީރާނުގެ ބައިނަލްއަގުވާމީ ފްލައިޓުތައް ހުއްޓުމަކަށް އަންނަނީ

23 Sep 2026 | 08:26
އީރާންގެ އެއާލައިނެއްގެ އޮފީސް --

އެމެރިކާއިން ވައިގެ ދަތުރުފަތުރާ ގުޅޭ ގޮތުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އަމަލު ކުރަން ފެށުމާއި އެކު ބައިނަލް އަގުވާމީ ދަތުރުތަކަށް ވަރަށް ބޮޑަށް ބުރޫ އަރައިފި އެވެ.

ރޭ ދަންވަރު 12:00 އިން ފެށިގެން އެމެރިކާއިން އަމަލު ކުރަން ފެށި ދަތިކުރުމުގެ ފިޔަވަޅުގެ ދަށުން އިރާނުގެ ހުރިހާ އެއާލައިންތަކެއް ހުއްޓުމަކަށް ގެންނާނެ ކަމަށް ބުނެފައިވެ އެވެ. އެމެރިކާއިން ވަނީ އީރާނުގެ އެއާލައިނެއް އެހެން ގައުމެއްގެ އެއާޕޯޓެއްގައި ޖެއްސުމުން ހިދުމަތް ދީފި ނަމަ އެ ކުންފުންޏެން ޑޮލަރު ނިޒާމުން ބޭރުކޮށްލާނެ ކަމުގެ އިންޒާރު ދީފައި އެވެ.

Advertisement

މި އިންޒާރާއި އެކު އިއްޔެ އީރާނުން ވަނީ އިރާގުގެ ވެރިރަށް ބަޣުދާދާއި އޮމާންގެ ވެރިރަށް މަސްކެޓަށް ކުރާ ފްލައިޓުތައް އިއްޔެރޭ ދަންވަރުން ފެށިގެން ހުއްޓައިލައިފިއެވެ. އީރާނުގެ ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަނުގެ ތަރުޖަމާނު ވިދާޅުވީ ބަޣުދާދަށް ދާ ފްލައިޓުތައް ޢިރާޤުގެ ނަޖަފް އެއާޕޯޓަށް ބަދަލުކުރުމަށް މަޝްވަރާތައް ހިނގަމުންދާ ކަމަށެވެ. ހަމައެއާއެކު ޢޮމާނާ ދެމެދުގައިވެސް މަޝްވަރާ ކުރިއަށްދާ ކަމަށާއި އިސްތަންބޫލް ހިމެނޭ ގޮތުން ބާކީ ހުރި ބައިނަލްއަޤުވާމީ ފްލައިޓުތައް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

އިރާނުން މިހެން ބުނި ނަމަވެސް ރިޕޯޓުތައް ބުނާގޮތުގައި ޓާކިޝް އެއާލައިންސް އަދި އޭގެ ދަށުން ހިންގާ އޭޖެޓް އާއި ޕެގަސަސް އެއާލައިންސްއިން އީރާނުގެ ހުރިހާ ދަތުރުތަކެއް ބުކިން ސިސްޓަމްތަކުން އުނިކޮށް، 2027 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ދަތުރުތައް ވަނީ ސަސްޕެންޑްކޮށްފައި އެވެ.

މީގެ އިތުރުން އަޒަރުބައިޖާނުން އީރާނުގެ އެއާލައިންތަކަށް އެ ގައުމުގެ އެއާޕޯޓްތައް ބޭނުންކުރުން މަނާކޮށްފައިވާއިރު، ޖޯޖިއާއިން ވެސް ވަނީ އީރާނަށް ކުރާ ހުރިހާ ފްލައިޓްތަކެއް ހުއްޓާލާފައި އެވެ. މެދުއިރުމަތީގެ ވައިގެ ސަރަހައްދަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން ގަތަރު އެއާވޭސްއިން ވެސް ވަނީ އީރާނުގެ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައި އެވެ.

އެމެރިކާއަށް ބޭރު ޤައުމެއްގެ ވައިގެ ސަރަހައްދު ބަންދުކުރުމުގެ ބާރު ނެތް ނަމަވެސް ތެޔޮ އެޅުމާއި ބިމުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ފިޔަވަޅު އެޅުމުން ހަމައެ ނަތީޖާ ލިބޭ ކަމަށް ވައިގެ ދަތުރުފަތުރު ދިރާސާކުރާ ތަޖުރިބާކާރުން މީޑިއާގައި ބުނެފައިވެއެވެ. އެމެރިކާއިން ވަނީ އެފަދަ ކުންފުނިތަކުން ފޯރުކޮށްދޭ ޓިކެޓު ވިއްކުމާއި އެއާޕޯޓުން ތެޔޮ ވިއްކުމާއި ފްލައިޓުތަކަށްދޭ ހިދުމަތްތައް ދީފި ނަމަ ޑޮލަރުން ބޭނުން ނުކުރެވޭނެ ގޮތް އެ ކުންފުނިތަކަށް ހަދާނެ ކަމަށް ބުނެފައި އެވެ.

މި މަހު ކުރީކޮޅު ޓްރެޒަރީ ޑިޕާޓްމަންޓުގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) މެދުވެރިކޮށް ވިޔަފާރިއާއި ހަކަތައާއި މާލީ މުއައްސަސާތަކާ ގުޅޭ ހަރުކަށި ފިޔަވަޅުތައް އެމެރިކާއިން އެޅި އިރު އޮގަސްޓް ފަހުކޮޅު އީރާނާ ވިޔަފާރީގެ ގުޅުން ބާއްވާ ބޭރުގެ ކުންފުނިތަކަށްވެސް ޝިޕިން ޓެކްނޮލޮޖީ ރަން އަދި ޑިޖިޓަލް އެސެޓްސްގެ ދާއިރާއިން ސެކެންޑަރީ ދަތިކުރުމުގެ ފިޔަވަޅު ފުޅާކުރާނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފައިވެއެވެ.

އެހެން ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު އިރާނުން ވަނީ ވަނީ ޤަތަރު މެދުވެރިކޮށް ދިގު ރާސްތާ ހައްލެއް ހޯދުމަށް މަޝްވަރާއަށް ތައްޔާރަށް ތިބި ކަމުގެ އިޝާރާތެއް ކޮށްފައެވެ. 

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބަލިކަށިވެފައިވާ އީރާނުގެ އިޤުތިޞާދާ ހެދި ދަތި ދިރިއުޅުމެއް އުޅެމުންދާ އެތައް މިލިއަން ރައްޔިތެއްގެ ޙާލަތު އިތުރަށް ދަށަށް ދާނެ ކަމަށް ތަޖުރިބާކާރުން ބުނެފައިވެއެވެ.

އިރާންގައި 27 އެއާލައިނެއް ހިންގައެވެ. އޭގެ ތެރެއިން ގިނަ އެއާލައިންތަކަކީ އެތެރޭގެ އުދުހުންތަކަށް ހާއްސަ އެއާލައިންތައް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

Advertisement

ކޮމެންޓް