Advertisement

އިލްމީ ދިރާސާތަކަށް އެމްއެމްއޭގެ ފަސް މިލިއަން ރުފިޔާގެ ގްރާންޓަށް ހުށަހެޅުމަށް ހުޅުވާލައިފި

23 Sep 2026 | 20:28
-

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިސަރޗް ފަންޑުގެ ދެވަނަ ބުރުގެ ދަށުން ޖުމްލަ ފަސް މިލިއަން ރުފިޔާގެ ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި ގްރާންޓުގެ ތެރޭގައި ދެ ބާވަތެއް ހިމެނެއެވެ. އެއީ އިންޑިޕެންޑެންޓް ރިސާޗް ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. ހެކީގެ މައްޗަށް ބިނާކޮށް ސިޔާސަތު ބައްޓަންކުރުމަށް ބޭނުންވާ ދިރާސާ ކަރުދާހާއި ފޮތް އެކުލަވައިލުމަށް ހިތްވަރުދިނުމަކީ މި ފަންޑުގެ މައިގަނޑު އެއް އަމާޒެވެ. އޭގެ އިތުރުން ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހަމަޖެހުން ކުރިއެރުވުމަށް މަތީ ފެންވަރުގެ އީޖާދީ ދިރާސާތައް ކުރުމަށް ބާރުއެޅުންވެސް މި ގްރާންޓުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނެއެވެ.

Advertisement

އަމިއްލަ ފަރުދުންނާއި ތައުލީމީ މުއައްސަސާތަކާއި ތިންކު ޓޭންކުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް އިރު ޓީމެއް ލީޑުކުރާ ފަރާތެއްގެ އެންމެ ދަށް ސަނަދަކީ މާސްޓާޒް ޑިގްރީއެވެ. ޕީއެޗްޑީ އޮންނަ ފަރާތްތައް ކުރިމަތިލުމަށް އެ އޮތޯރިޓީން ހާއްސަކޮށް ހިތްވަރުދެއެވެ.

ގްރާންޓް ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ އެމްއެމްއޭގެ މަގުސަދުތަކާ ގުޅުން ހުރި ގައުމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ދާއިރާތަކަށް ކަމަށް އެ އޮތޯރިޓީން ފާހަގަކޮށްފައިވެއެވެ. އެހެން ނަމަވެސް އެ ނޫން ދާއިރާތަކުންވެސް ހުށަހެޅުމުގެ ފުރުސަތު އެބަ އޮތެވެ. އެ އޮތޯރިޓީން ފާހަގަކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި އިގްތިސާދީ ހަމަޖެހުމާއި މަނިޓަރީ ސިޔާސަތާއި މާލީ ދާއިރާގެ ވިލުންވެރިކަމާއި ޑިޖިޓަލައިޒޭޝަނާއި ފިންޓެކާއި ފަތުރުވެރިކަމާއި ދެމެހެއްޓެނިވި އިގްތިސާދާއި އިސްލާމީ މާލިއްޔަތާއި ވަޒީފާގެ ބާޒާރާއި ބޯހިޔާވަހިކަމާއި ސިއްހީ ދާއިރާއާއި ދައުލަތުގެ ހަރަދާ ގުޅޭ ދާއިރާތައް ހިމެނެއެވެ.

2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެމްއެމްއޭގެ ރިސަރޗް ކޮންފަރެންސްގައި އިފުތިތާހުކުރި މި ފަންޑުގެ ފުރަތަމަ ބުރު ކުރިއަށް ގެންގޮސްފައި ވަނީ 2025 ވަނަ އަހަރުއެވެ. އެ ބުރުގައި ހަ ރިސަރޗް ޕްރޮޕޯސަލާއި އެއް ފޮތް ގްރާންޓް އެވޯޑުކޮށްފައިވެއެވެ. މި އަހަރުގެ ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅޭނީ އެމްއެމްއޭގެ ރިސާޗް ފަންޑް ޕޯޓަލް މެދުވެރިކޮށް 13 އޮކްޓޫބަރު 2026ގެ ނިޔަލަށެވެ.

Advertisement

ކޮމެންޓް