ސަހާރާ ފުރަތަމަ ފިލްމަށް ސޮއިކޮށް ވިވެކް ރޮއްވާލައިފި
ބޮލީވުޑް ތަރި ވިވެކް އޮބެރޯއީ ބެލެނިވެރިކަމާ ހަވާލުވި ސަހާރާ ޝާހް އޭނާގެ ފުރަތަމަ ފިލްމުގައި ލީޑް ރޯލުން ފެނިގެންދާނެކަން އިއުލާނުކޮށް ވިވެކް ރޮއްވާލައިފި އެވެ.
ސަހާރާގެ ބެލެނިވެރިކަން ވިވެކް ނެގީ އޭނާ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް އުމުރުން ދެ އަހަރުގައި އެވެ. މިހާރު ސަހާރާގެ އުމުރުން 22 އަހަރެވެ.
ވިވެކް ވަނީ ކެންސަރާ ހަނގުރާމަކުރާ އެތައް ކުދިންނެއް ބެލެހެއްޓުމާ ހަވާލުވެ އެ ކުދިންގެ ބޭސްފަރުވާ އާއި ކިޔެވުމުގެ ކަންކަން ބަލަހައްޓައިފައެވެ.
ސަހާރާގެ ފުރަތަމަ ފިލްމު އިއުލާނު ކުރީ ސީއާރުޕީއޭ ކެންސާ ރޯޒް ޑޭ ހަފުލާގައި އެވެ. ކެންސަރު ބަލީގެ ފަރުވާ ހޯދަމުން ދިޔައިރު ފަރުވާގެ ޚަރަދާއި ތަޢުލީމުގެ ޒިންމާ ވިވެކް ނެގީ އިންޑިއާގެ އެންމެ ބޮޑު އެއް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ ކަމަށްވާ ކެންސާ ޕޭޝަންޓްސް އެއިޑް އެސޯސިއޭޝަން މެދުވެރިކޮށް މުމްބާއީގައެވެ.
އަންގާރަ ދުވަހު ބޭއްވި ހަފުލާގައި ވިވެކް ވެސް ހައިރާންކޮށްލަމުން ސަހާރާ އިޢުލާނުކުރީ ނެޕާލީ ފިލްމެއްގެ ލީޑް ބަޔަށް އޭނާ ހޮވިފައިވާ ކަމަށެވެ. އެ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުއެވެ. ފިލްމީ ދާއިރާގެ އިތުރުން ސަހާރާ ވަނީ އޭވިއޭޝަން ދާއިރާގެ ތަމްރީނު ވެސް ފުރިހަމަކޮށް ކޮމާޝަލް ޕައިލެޓަކަށް ވުމުގެ މަގުގައި ކުރިއެރުން ހޯދައިފައެވެ.
އޭނާގެ "ދާދާ" ގެ ގޮތުގައި ސިފަކުރާ ވިވެކަށް ޝުކުރު އަދާކުރަމުން ސަހާރާ ބުނީ ދިރިއުޅުމުގައި ބޭނުން ކޮންމެ ދާއިރާއަކުން ކުރިއަށް ދިއުމަށް ވިވެކް އެހީވެ އެއްބާރުލުން ދީފައިވާ ކަމަށެވެ.
އެ ހަފްލާގައި ވަނީ ފިލްމުގެ ޕޯސްޓަރުވެސް ދައްކާލާފައި އެވެ.
ފިލްމީ މަސައްކަތަށް ބަލާއިރު ވިވެކް އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ރޯހިތް ޝެޓީގެ އިންޑިއަން ޕޮލީސް ފޯސް ސީރީޒުންނާއި ކޮމެޑީ ފިލްމެއް ކަމުގައިވާ މަސްތީ 4 އިންނެވެ.