ރާއްޖެއާ ސައޫދީއާ ދެމެދު އޮތީ އިސްލާމީ ޤަދަރުތަކުގެ މައްޗަށް ބިނާވެފައިވާ ފުން ގުޅުމެއް: ރައީސް
ސައޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރަސްގެފާނާއި ވަލީއަޙުދަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ތަހުނިޔާ ފޮނުއްވާފައިވަނީ ޙަރަމައިނިއްޝަރީފައިނިގެ ޚާދިމް ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދާއި ވަލީއަޙުދު އަދި ބޮޑުވަޒީރު އަމީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދާއި ޝާހީ ޢާއިލާ އާއި ސައޫދީ ސަރުކާރު އަދި އެ ޤައުމުގެ އަޚް ރައްޔިތުންނަށެވެ.
ގައުމީ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ ދެ ޤައުމުގެ ދެމެދުގައި އެތައް ޤަރުނެއްވީ ތާރީޚީ ގުޅުމާއި މުޝްތަރަކު އިސްލާމީ ޤަދަރުތަކުގެ މައްޗަށް ބިނާވެފައިވާ ފުން ގުޅުމެއް އޮތްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީއަށް ސައޫދީ ޢަރަބިއްޔާއިން ދެމުންގެންދާ ދީލަތި އެހީތެރިކަމާއި ބޮޑެތި ޙިއްޞާތައް ޝުކުރުވެރިކަމާ އެކު ފާހަގަކުރައްވާފައިވެއެވެ.
ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމާއި ގުޅިގެން ކުރެވޭ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި އިތުރަށް ވަރުގަދަވެގެންދާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި ސައޫދީ ޢަރަބިއްޔާއަށް ދާއިމީ ސުލްޙަ މަސަލަސްކަމާއި ފާގަތިކަމާއި ޝަރަފު ދެއްވުން އެދި މާތް ﷲ ގެ ޙަޟުރަތުގައި ދުޢާ ދަންނަވާފައިވެއެވެ.
ސައޫދީ ޢަރަބިއްޔާ އާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމަކީ ދެ ޤައުމުގެ މެދުގައި ޒަމާނުއްސުރެ ދެމެހެއްޓެމުން އަންނަ ގުޅުމެކެވެ.