Advertisement

ޕެންޝަން އޮފީހުގެ ސީއޯއޯ ޝިއުނާ ސަސްޕެންޑުކޮށްފި

23 Sep 2026 | 14:27
މަރިޔަމް ޝިއުނާ -- ފޮޓޯ: ޕެންޝަން އޮފީސް

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) މަރިޔަމް ޝިއުނާ މަގާމުން ސަސްޕެންޑުކޮށްފިއެވެ.

ސަސްޕެންޑުކުރި ސީދާ ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ. މި ކަމާ ގުޅޭ ގޮތުން ޕެންޝަން އޮފީހުން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރައްވަ އެވެ.

Advertisement

ބައެއް މީޑީއާ ރިޕޯޓުތައް ބުނާގޮތުގައި ޝިއުނާ މަގާމުން ސަސްޕެންޑު ކުރީ އިއްޔެ އެވެ. އޭނާ ސަސްޕެންޑު ކުރީ ބޯޑު މެމްބަރުންނާއި މެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާއި ގުޅިގެން ކަމަށް މައުލުމާތު ލިބެ އެވެ.

ޝިއުނާ ސީއޯއޯގެ މަގާމާ ހަވާލުވެވަޑައިގެންނެވީ 2023 ވަނަ އަހަރުގެ އެޕްރީލް މަހުގައެވެ. އެ މަގާމުގައި އެ ބޭފުޅާގެ ޒިންމާތަކުގެ ތެރޭގައި ޕެންޝަން އޮފީހުގެ ކޯޕަރޭޓް އެފެއާޒް ބައިގެ މަސައްކަތްތައް ހިންގެވުމާއި ބެލެހެއްޓެވުން ހިމެނެއެވެ.

ޕެންޝަން އޮފީހާ ގުޅިވަޑައިގެންނެވުމުގެ ކުރިން ޝިއުނާ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސާގެ މަގާމާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އިސް ވެރިއެއްގެ މަގާމު ފުރުއްވައިފައެވެ. މީގެ އިތުރުން ގަވަނެންސް އާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމާއި ނަޒާހަތްތެރިކަމުގެ ދާއިރާއިން 10 އަހަރަށް ވުރެ ދިގު ތަޖުރިބާއެއް އެ ބޭފުޅާ ހޯއްދަވައިފައިވެއެވެ.

ޝިއުނާ ވަނީ ޔުނިވާސިޓީ އޮފް ލަންޑަންގެ ސްކޫލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒްއިން އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ދާއިރާއިން މާސްޓާސް ޑިގްރީ އަދި ލަންޑަން މެޓްރޮޕޮލިޓަން ޔުނިވަސިޓީން ބެޗްލާ އޮފް އާޓްސް އިން ހިސްޓްރީ ހާސިލްކުރައްވާފައިވެ އެވެ.

Advertisement

ކޮމެންޓް