Advertisement

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ އިންޑިއާއަށް ވެސް ހުއްޓުވައި ދެވިދާނެ: ޒެލެންސްކީ

23 Sep 2026 | 10:07
ޔޫކްރެއިންގެ ރައީސް އިންޑިއާގެ ފޮރިން މިނިސްޓަރާއި ބައްދަލު ކުރައްވަނީ --

ރަޝިޔާގެ އިޤުތިޞާދީ ކުރިއެރުމުގެ ބޮޑު ބައި ބިނާވެފައި އޮތީ އިންޑިއާ ފަދަ ޤައުމުތަކާ އެކު ކުރާ ތެލުގެ ވިޔަފާރިއަށް ކަމަށާއި އެ ވިޔަފާރި ހުއްޓައިލުމަށް ޔޫކްރެއިނުގެ ރައީސް ވޮލޮޑީމިއާ ޒެލެންސްކީ ގޮވައިލައިފިއެވެ.

ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިޔުއެސްޖޭ) އަށް ދެއްވި އިންޓަވިއުއެއްގައި ޒެލެންސްކީ ވިދާޅުވީ ރަޝިޔާގެ އިޤުތިޞާދު ބައްޓަންވެފައި އޮތީ އިންޑިއާ އާއި ޗައިނާ އަދި ބައެއް ފަހަރު ތުރުކީ މައްޗަށް ކަމަށެވެ. ޒެލެންސްކީ ވިދާޅުވީ މި ޤައުމުތަކުން ރަޝިޔާއާ އެކު ހަކަތައިގެ ވިޔަފާރި ހުއްޓައިލައިފި ނަމަ ހަނގުރާމަ ހުއްޓައިލަން ރަޝިޔާއަށް މަޖުބޫރުވާނެ ކަމަށެވެ.

Advertisement

މި ވާހަކަތައް އައިސްފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ލިންޒީ އޯ ގްރެހަމް ސެންކްޝަނިން ރަޝިޔާ އެންޑް އީރާން ޤާނޫނުގައި ސޮއިކުރިތާ ދުވަސްކޮޅެއް ފަހުންނެވެ. އެ ޤާނޫނުގެ ދަށުން ރަޝިޔާގެ ތެޔޮ އެންމެ ގިނައިން ގަންނަ ޤައުމުތައް ކަމުގައިވާ އިންޑިއާ ޗައިނާ ސްލޮވާކިއާ ހަންގޭރީ އަދި އަޒަރބައިޖާނުގެ މައްޗަށް 100 އިންސައްތައާ ހަމައަށް ޓެރިފް ނެގުމުގެ ބާރު ޓްރަމްޕަށް ލިބިފައިވެއެވެ.

ތުރުކީ އަކީ ވެސް ރަޝިޔާގެ ހަކަތައިގެ ބޮޑު ގަނެވެރިއެއް ނަމަވެސް ޔޫކްރެއިނުގެ ޑްރޯން ހަމަލާތަކުގެ ސަބަބުން ސަޕްލައި ބުރޫ އެރުމާ ގުޅިގެން ތެޔޮ ގަތުން މަދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނިއުޔޯކުގައި ބޭއްވި އދ. ގެ ޢާންމު މަޖިލީހުގެ ހަވާސައިގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ ޓްރަމްޕް ސޮއިކުރެއްވި ދަތިކުރުމުގެ ޤާނޫނު މެދުވެރިކޮށް ހަނގުރާމަ ނިމުމަކަށް ގެންނެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. އޭނާ ވިދާޅުވީ ފިނި މޫސުމުގެ ކުރިން ވީހާ ވެސް އަވަހަކަށް މި ހަނގުރާމަ ނިންމަން ޖެހޭ ކަމަށެވެ.

ރޮއިޓާސް ބުނާ ގޮތުގައި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ހަނގުރާމަ މައިތިރި ކުރަން ދެކޮޅު ހަދައިފި ނަމަ ޓްރަމްޕް އެ ދަތިކުރުމުގެ ފިޔަވަޅުތައް ބޭނުން ކުރައްވާނެ ކަމަށް ޒެލެންސްކީ އުއްމީދު ކުރައްވައެވެ.

އިންޑިއާ ވެފައި ވަނީ ރަޝިޔާގެ ސާފުނުކުރާ ތެލުގެ އެންމެ ބޮޑު އެއް ގަނެވެރިޔާ ކަމުގައެވެ. ފަހަކަށް އައިސް އިންޑިއާ އެތެރެކުރާ ސާފުނުކުރާ ތެލުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައިން ފެށިގެން ދެބައިކުޅަ އެއް ބައި ހިއްސާކުރީ ރަޝިޔާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް މި ވިޔަފާރީގެ ސަބަބުން ޓްރަމްޕް ސަރުކާރާ ދެމެދު ނުތަނަވަސްކަން އުފެދި މިދިޔަ އަހަރު އެމެރިކާ އިން އިންޑިއާގެ މުދަލުގެ ޓެރިފް 50 އިންސައްތައަށް ބޮޑުކޮށް ފަހުން ކުޑަކޮށްފައިވެއެވެ. މި ވިޔަފާރީގައި ރަޝިޔާ ފާޅުގައި ބައިވެރިވެ އެ ވިޔަފާރި ދިފާޢުކޮށްފައިވެއެވެ. ރަޝިޔާ އިން އިންޑިއާ އަށް ކަނޑައަޅާފައިވާ ސަފީރު ޑެނިސް އެލީޕޮވް މި މަހު ކުރީކޮޅު ބުނީ އިންޑިއާ އިން ރަޝިޔާ ތެޔޮ ގަންނަނީ އިންޑިއާގެ ތަރައްޤީ އަށް ކަމަށާއި ރަޝިޔާ އަށް އެހީވާން ނޫން ކަމަށެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ހަކަތައިގެ ވިޔަފާރީގެ ރޯލާ މެދު ބައިނަލްއަޤުވާމީ މަޝްރަހުގައި ބަހުސް ހޫނުވަމުންދާ ދަނޑިވަޅެއްގައި ޒެލެންސްކީގެ މި ގޮވައިލެއްވުމަށް ޤައުމުތަކުން ސީދާ ޖަވާބެއް ލިބޭނެ ގޮތެއް އަދި ސާފެއް ނުވެއެވެ.

Advertisement

ކޮމެންޓް