އެމްޑީޕީން ތާއީދު ކުރަނީ އިޒްރާއީލަކަށް ނޫން، ފަލަސްތީނަށް: ނަޝީދު
އިދިކޮޅު އެމްޑީޕީން ތާއީދު ކުރަނީ އިޒްރާއީލަށް ނޫން ކަމަށާއި އެ ޕާޓީ އަބަދުވެސް އޮތީ ފަލަސްތީނާއި އެކު ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނަޝީދު މި ރައްދު ދެއްވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ. އެ ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ އެމްޑީޕީގެ ހުރިހާ ސަރުކާރަކުން ވެސް ގެންގުޅުނީ އިޒްރޭލަށް ތާއީދުކުރާ ޚާރިޖީ ސިޔާސަތެއް ކަމަށާއި އެ ސަރުކާރުތަކުން ޢަރަބި އިސްލާމީ ޤައުމުތަކާ ގުޅުން ކުޑަކޮށްފައިވާ ކަމަށެވެ.
ރައީސްގެ މި ވާހަކަފުޅާއި ގުޅިގެން ރޭ ނަޝީދު ވިދާޅުވީ ޓީވީތަކުން ފެންނަ އިޒްރޭލުގެ ލާއިންސާނީ ޢަމަލުތައް ހަނދާން ނުނެތޭ ކަމަށާއި އެމްޑީޕީން ދުވަހަކުވެސް އިޒްރޭލަށް ތާއީދު ނުކުރާނެ ކަމަށެވެ. ނަޝީދު ވަނީ ފެންނަ މަންޒަރުތަކުންވެސް އިޒްރާއީލަށް ތާއީދު ކުރާނީ ކާކުތޯ ސުވާލު ކުރައްވާފައި އެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ އަބަދު ވެސް ތެދުވެ ތިބޭނީ މިނިވަންކަމަށްޓަކައި ތާ އަބަދު މަސައްކަތް ކުރާ ފަލަސްތީނުގެ ރައްޔިތުންނާ އެކީގައި ކަމަށެވެ.
މީގެ އިތުރުން މިނިވަން ދުވަހުގެ ޖަލްސާ ރައީސް ބޭނުންކުރެއްވީ އެމްޑީޕީއަށް ފާޑުކިޔުއްވަން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ދައުލަތުގެ ނިޝާން ޖެހި ޕޯޑިއަމެއްގައި ހުންނަވައި ކުރިފުޅުމަތީ ފުލުހުންނާއި ސިފައިންގެ ވެރީންނާއި ދައުލަތުގެ ޢިއްޒަތްތެރީން ތިއްބަވަނިކޮށް ވެސް ރައީސް "ހެސް ކިޔާފައި" އެމްޑީޕީއަށް ބަހުގެ ހަމަލާ ދެއްވި ކަމަށް ނަޝީދު ވިދާޅުވިއެވެ.