އީސީގެ ނިންމުންތަކުގައި ދެފުށް ފެންނަ، އިންސާފުވެރި އުސޫލުތައް ގެންގުޅުން މުހިންމު: އެމްޑީޕީ
އިލެކްޝަންސް ކޮމިޝަނުގެ ނިންމުންތަކުގައި ދެ ފުށް ފެންނަ، އިންސާފުވެރި އުސޫލުތަކެއް ގެންގުޅުން މުހިންމު ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ބުނީ އެ ޕާޓީގެ އިސްވެރިންނާއި އީސީގެ ރައީސް ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެވެ. އެ ބައްދަލުވުމަށް ފަހު ނަޝީދު ވަނީ ދެ ފަރާތުން މަޝްވަރާ ކުރެވުނު ކަންކަމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވާފައި އެވެ.
އެމަނިކުފާނު ވިދާޅުވީ އީސީއާއި މެދު ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ގެއްލުވާނުލައި، އެ އިތުބާރު ދެމެހެއްޓޭނެ ފަދަ ގޮތަކަށް ކޮމިޝަނުގެ އަމަލުތައް ބެހެއްޓުމަށް އެމްޑީޕީން ބާރުއެޅި ކަމަށެވެ. ވަކިން ހާއްސަކޮށް އިންތިޚާބީ ކަންކަމާއި ސިޔާސީ ޕާޓީތަކާ ގުޅޭ ނިންމުންތައް ނިންމުމުގައި ދެފުށް ފެންނަ، އިންސާފުވެރި އުސޫލުތަކެއް ގެންގުޅުމުގެ މުހިންމުކަން އެ ޕާޓީން ފާހަގަކުރި އެވެ.
މީގެ އިތުރުން، ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އެމްޑީޕީއަށް ކުރިމަތިވަމުންދާ އެކި ކަންބޮޑުވުންތައް އެ ޕާޓީން ވަނީ ކޮމިޝަނުގެ މެންބަރުންނާ ހިއްސާކޮށްފަ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ އިތުރުން އީސީން މިއަދު ވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީއާއި ވެސް ބައްދަލުކޮށްފައި އެވެ.
އީސީން ބުނި ގޮތުގައި މިފަދަ ބައްދަލުވުންތައް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ސިޔާސީ ޕާޓީތަކަށް ދިމާވާ ދަތިތައް އޮޅުންފިލުވައި، ކޮމިޝަނާއި ޕާޓީތަކާ ދެމެދު އޮންނަ މުއާމަލާތްތައް މިހާރަށްވުރެ ހަރުދަނާކުރުމެވެ. އަދި ޕާޓީތަކުން ހުށަހަޅާ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަންވެސް ކޮމިޝަނުން ވަނީ ދީފަ އެވެ.