Advertisement

ފީ ނަގައިގެން ދޭ ހިދުމަތްތައް އަތޮޅު އޮފީސްތަކުން އަލުން ފަށައިފި

14 Jul 2026 | 11:19
ލ. ގަން އަތޮޅު ކައުންސިލް - ފޮޓޯ: ޕީއެސްއެމް

ފީ ނަގައިގެން އަތޮޅު ކައުންސިލްތަކުން ދެމުން ދިޔަ ހިދުމަތްތައް އެ ކައުންސިލްތައް އުވާލުމާ ގުޅިގެން ހުއްޓުމަކަށް އައުމަށް ފަހު ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ)ގެ އަތޮޅު އޮފީސްތަކުން އެ ހިދުމަތްތައް އަލުން ފަށައިފި އެވެ.

އެލްޖީއޭގެ އޮފިޝަލަކު މިއަދު  މީޑިއާގައި ވިދާޅުވީ ހިދުމަތްތައް އަލުން ފަށާފައިވަނީ ބަނޑޭރި ޕޭ މެދުވެރިކޮށް ފައިސާ ބަލައިގަންނަ ގޮތަށް ކަމަށެވެ. އެކަން ކުރުމަށް ސިސްޓަމަށް ބަދަލުތައް ގެނައުމަށްފަހު މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އަތޮޅު އޮފީސްތަކުން ހިދުމަތްތައް ފަށާފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

Advertisement

އުޅަނދުތަކުގެ ލައިސެންސް ހެއްދުމާއި އަހަރީ ފީތަކާއި ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)ގެ ހިދުމަތްތައް އަތޮޅު ކައުންސިލްތަކުން ކުރިން ދިޔައީ ފޯރުކޮށްދެމުންނެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާ އެކު މިދިޔަ މެއި 17 ވަނަ ދުވަހުން ފެށިގެން އަތޮޅު ކައުންސިލްތައް އުވާލައި އެ ތަންތަން އެލްޖީއޭގެ އަތޮޅު އޮފީހަށް ބަދަލުކޮށްފައިވެއެވެ.

އެ ހިދުމަތްތައް އޭރު ހުއްޓާލީ ގާނޫނީ ގޮތުން އުފެދުނު ސުވާލަކާ ގުޅިގެންނެވެ. އެއީ ކައުންސިލްތަކަކީ ފީ ނަގައިގެން ހިދުމަތް ދެވޭ ބަޔަކަށް ވިއަސް ގާނޫނުން އެ ބާރު އެލްޖީއޭއަށް ނޯންނާތީ އެވެ.

އޮފިޝަލް ވިދާޅުވީ ބަދަލުތައް ގެނައީ އަތޮޅު އޮފީސްތަކުގެ މާލީ ޒިންމާދާރުވެރިއަކީ ވެސް އެލްޖީއޭގެ މާލީ ޒިންމާދާރުވެރިޔާ ކަމަށް ކަނޑައަޅައިގެން ކަމަށެވެ.

Advertisement

ކޮމެންޓް