ރައީސާއި ބައްދަލު ކުރަން ބޭނުންވާ ފަރާތްތަކުން ނަން ނޯޓު ކުރަން ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކުން ނަން ނޯޓު ކުރަން ފުރުސަތު ހުޅުވާލައިފި އެވެ.
މި ފުރުސަތަކީ ފުޅާ ދާއިރާއެއްގައި ރައްޔިތުންނާއި ރައީސާއި ބައްދަލު ކުރެވޭނެ ގޮތަށް ކުރިޔަށް ގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ހުޅުވާލި ފުރުސަތެކެވެ.
މި ފުރުސަތު ހުޅުވާލަން ނިންމާފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާ ވަކިންނެވެ. މީގެ ތެރެއިން ފުރަތަމަ ބައްދަލު ވުމުގައި ބައިވެރިވުމަށް ނަން ނޯޓޫ ކުރަން ހުޅުވާލާފައިވަނީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ އަދި ހުޅުމާލެ މެދު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ.
މި ދާއިރާތަކުން "ރައްޔިތުންގެ އަޑު" ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ނަން ނޯޓުކުރާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި މިކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ.
މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލުވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ފެންނާނެ އެވެ. ނަން ނޯޓުކުރުމުގެ ސުންގަޑިއަކީ 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ ރޭ 12:00 އެވެ.
ނިމިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރަށްވުރެވެސް ބޮޑަށް ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަޤުޞަދުގައި ވަކިވަކި ދާއިރާތަކުން ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުޞަތު ފަހިވާ ފަދަ ޕްރޮގްރާމެއް ދާދި އަވަހަށް ފަށްޓަވާނޭކަން އިޢުލާންކުރައްވާފައެވެ.