Advertisement

ޕީއެންސީ އިންތިޚާބު ތެރޭގައި ހަމަނުޖެހުން ހިންގި ދެ މީހަކު ހައްޔަރުކޮށްފި

13 Jul 2026 | 05:52
ޕީއެންސީ ވޯޓު ގުނުމުގެ ތެރޭގައި ހިނގި ހަމަނުޖެހުން --

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ގެންދަނިކޮށް ހަމަނުޖެހުން ހިންގި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބު ބޭއްވީ ހޮނިހިރު ދުވަހު އެވެ. ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓު ފޮށި ބަހައްޓާފައި ހުރި ކާމިލް ދީދީ ޕްރީ ސްކޫލްގައި ހަމަނުޖެހުން ހިންގާ މާރާމާރީ ހިންގީ ހޮނިހިރު ދުވަހުގެ ރޭ ވޯޓު ގުނުމުގެ ތެރޭގައި ހިނގި ހިތްހަމަ ނުޖެހުންތަކެއްގައި އެވެ.

Advertisement

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގަ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އުމުރުން 23 އަހަރާއި 24 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.

ކާމިލް ދީދީ ޕްރީ ސްކޫލުގައި ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓު ފޮއްޓެއް ގުނަމުން ދަނިކޮށް ކެންޑިޑޭޓުންގެ މަންދޫބުންގެ މެދުގައި ދެބަސްވެ ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވި އެވެ. އެ ވީޑިއޯއިން އެކަކު އަނެކަކާ ދިމާއަށް އެ ތަނުގައި ހުރި ގޮނޑިތައް އުކާ މަންޒަރާއި އިންޒާރުދޭ އަޑު އިވެއެވެ.

އެ ވީޑިއޯ އާއްމުވުމާ އެކު ފުލުހުން ވަނީ ހުޅުމާލެ 2 ގެ ސްކޫލަށް ބަޔަކު ވަދެ އެ ސްކޫލަށާއި އެ ތަނުގެ މުދަލަށް ގެއްލުންދީ މީހުންނާ މެދު މާރާމާރީ ހިންގި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ.

އަދި އެރޭ އެ ސްކޫލަށް ޕީއެންސީގެ ލީޑާޝިޕްގެ އިސްވެރިން ވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ޕީޖީ ލީޑަރު އިބްރާހިމް ފަލާހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲް ހިމެނެ އެވެ. 

އެ ބޭފުޅުން ވަނީ ތަނުގެ ހާލަތު ބައްލަވައި އިންތިހާބުތައް ހިނގާއިރު އެފަދަ ކަންކަން ހިނގާނެ ކަމަށް ވިދާޅުވެފައި އެވެ. އެއީ ހިޔާލު ތަފާތުވުމެއްގެ ތެރެއިން ހިނގި ކަމެއް ކަމަށްވެސް އެ ދެބޭފުޅުން ވިދާލުވެފައިވެ އެވެ.

ޕީއެންސީން ބުނީ އެ ދުވަހުގެ އިންތިހާބުގައި އެ ޕާޓީގައި ތިބި ވޯޓު ލުމުގެ ހައްގު ލިބިގެންވާ 40،000 މީހުންގެ ތެރެއިން 33،000 މީހުން ވޯޓުލި ކަމަށެވެ.

Advertisement

ކޮމެންޓް