އައްޑޫއިން ސީދާ އުމްރާ ދަތުރު ފުރަތަމަ ފަހަރަށް ފަށައިފި
އައްޑޫއިން ސީދާ އުމްރާ ދަތުރު ފުރަތަމަ ފަހަރަށް ފަށައިފި
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސަޢޫދީ ޢަރަބިއްޔާއަށް ޢުމްރާ ދަތުރުތައް ފަށައިފިއެވެ.
މޯލްޑިވިއަންގެ އޭ330 މަތިންދާބޯޓުގައި ފެށި މި ތާރީޚީ ދަތުރަކީ އައްޑޫ ސިޓީއާއި ދެކުނުގެ ސަރަޙައްދުތަކުގެ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ. މި ދަތުރަކީ ޢުމްރާގެ ދަތުރުގެ ޚިދުމަތް ފޯރުކޮށްދޭ ޓްރެވެލް އެޖެންސީއެއް ކަމަށްވާ ދަ ޓްރެވެލާ އާއި ޤައުމީ އެއާލައިން މޯލްޑިވިއަން ގުޅިގެން ބޭއްވި ފްލައިޓެކެވެ.
ފުރަތަމަ ފްލައިޓްގައި ކުޑަކުދިން ހިމެނޭހެން 260 މީހުން ވަނީ ޢުމްރާއަށް ފުރާފައެވެ. އަދި ޢުމްރާވެރިންނަށް މޯލްޑިވިއަންއިން ވަނީ ޚާއްޞަ ހަދިޔާއެއްވެސް ދީފައެވެ. ރާއްޖެއިން ޢުމްރާ އަދި ޙައްޖަށް ދާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް އައު އެތައް ޚިދުމަތްތަކެއް ވަނީ ތަޢާރަފްކޮށްފައެވެ.
މޯލްޑިވިއަންއިން ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ވަރަށް ތާރީޚީ ކަމެއް ކަމަށެވެ. އަދި ދެކުނު އަތޮޅުން ޢުމްރާ ދިއުން ފަދަ ދަތުރުތައް ފެށިގެން ދިޔުމަކީ ސަރަޙައްދީ ގޮތުން ރައްޔިތުންނަށް ލިބިގެންދިޔަ ލުއިފަސޭހައެއް ކަމަށެވެ. "މިއީ ފެށުމެއް" ކަމަށާއި ކުރިއަށް އޮތްތަނުގައި މިފަދަ ދަތުރުތައް ބޭއްވިގެންދާނެ ކަމަށް މޯލްޑިވިއަންއިން ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންއިން ފުރަތަމަ ފަހަރަށް ޢުމްރާ ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 22 ގައެވެ. ފުރަތަމަ ދަތުރުގައިވެސް 750 އަށްވުރެ ގިނަ ޢުމްރާވެރިން ދަތުރު ކުރިއެވެ. ޢުމްރާ ދަތުރުތަކުގައި މޯލްޑިވިއަންއިން ބޭނުންކުރަނީ އެއަރބަސް ވައިޑް-ބޮޑީ މަތިންދާބޯޓެވެ. މީގެ އިތުރުން މިދިޔަ އަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ހައްޖާޖީން ސަޢޫދީއަށް ގެންދިއުމަށްވެސް އެ އެއަރލައިނުން ވަނީ ދަތުރުތައް ބާއްވާފައެވެ.
ފަހަކަށް އައިސް ދިވެހިރާއްޖެއިން ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށްދާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ޚާއްޞަކޮށް ޒުވާނުންނާއި ތުއްތު ކުދިންނާއެކު މުޅި އާއިލާ އެއްކޮށް މި އަޅުކަމުގައި ބައިވެރިވާ މިންވަރު މިހާރު ވަނީ އިތުރުވެފައެވެ. ދެކުނުގެ ހަތަރު އަތޮޅުގެ މެދުގައި ވައިގެ ދަތުރުފަތުރުކުރުމަށް ޚާއްޞަ ވިއުގައެއް ޤައުމީ އެއާލައިނުން ވަނީ ޤާއިމުކޮށްފައެވެ. ސައުތު ކަނެކްޓިވިޓީ ނެޓްވޯކުގެ ނަމުގައި ޤާއިމުކުރި ވިއުގައިގެ ތެރެއިން އައްޑޫއާއި ފުވައްމުލަކާއި ހުވަދު އަތޮޅުގެ ތިން ބުރީގެ މެދުގައި ޝެޑިއުލު ދަތުރުތައް ފަށާފައިވެއެވެ.