Advertisement

ޑިޖިޓަލް ޓްރާންސްފޮމޭޝަނާއި އައިޑެންޓިޓީ ބިލު މަޖިލީހުން ބަލައިގެންފި

06 Jul 2026 | 16:30
މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް -- ފޮޓޯ: މަޖިލީސް

"މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ" ބިލާއި "ޑިޖިޓަލް އައިޑެންޓިޓީ" ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާޓުން މި ދެ ބިލު މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. މެންބަރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި ބަހުސްކުރެވި ވޯޓު ދެއްވި މެންބަރުންގެ އިއްތިފާގުން ދެ ބިލު ވެސް ވަނީ ބަލައިގެންފައެވެ.

Advertisement

ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ޑިޖިޓަލް ގަވަރނަންސްގެ ކަންކަން ވިލަރެސްކޮށް ހިންގުމަށް "މޯލްޑިވްސް ޑިޖިޓަލް ސަރވިސް" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދާނެއެވެ. ދައުލަތުގެ އައިސީޓީއާ ގުޅުންހުރި ހުރިހާ ޚިދުމަތެއް ފޯރުކޮށްދީ ކޮމްޕިއުޓަރ ނެޓްވަރކާއި އިންފްރާސްޓްރަކްޗަރ ބަލަހައްޓާނީ އެ އިދާރާއިން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ޤާނޫނަކަށް ވުމުން "މޯލްޑިވްސް 2.0" ގެ ނަމުގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕްރޮގްރާމެއް ޤާއިމުވެގެންދާނެ ކަމަށާއި އެއީ ޑިޖިޓަލް ފަސްޓް ސިޔާސަތެއްގެ ދަށުން ދައުލަތުގެ ޚިދުމަތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ބައްޓަންކުރުމަށް އެކުލަވާލާ ޕްރޮގްރާމެއް ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.

ޑިޖިޓަލް އައިޑެންޓިޓީގެ ބިލުގައި ވާ ގޮތުން އޮންލައިންކޮށް ކުރާ މުޢާމަލާތުތަކުގައި އައިޑެންޓިޓީ ކަށަވަރުކުރުމަށް ބޭނުންކުރާ މަޢުލޫމާތުގެ ރައްކާތެރިކަން ދެމެހެއްޓޭނެ އުސޫލުތައް ކަނޑައެޅުމާ އެކު "ޑިޖިޓަލް އައިޑެންޓިޓީ ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް އެކުލަވާލަންޖެހޭނެއެވެ. އައިޑެންޓިޓީ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ކަންކަމާއި އައިޑެންޓިޓީ ބޭނުންކުރުން މަނާ ޙާލަތްތަކާއި ޒާތީ މަޢުލޫމާތު ބޭނުންކުރުން މަނާ ޙާލަތްތައް ވެސް ބިލުގައި ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.

މި ދެ ބިލު ބަލައިގަތުމަށް ފަހު ދިރާސާކުރުމަށް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

Advertisement

ކޮމެންޓް