Advertisement

ފޭކް ކެންސަރު ބޭހެއް އުޅޭކަން ޑަބްލިއުއެޗްއޯއަށް އެންމެ ފުރަތަމަ ރިޕޯޓުކުރީ ރާއްޖެއިން

06 Jul 2026 | 12:13
-

ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ "ޑާޒަލެކްސް" ބޭހުގެ ފޭކް ބެޗުތަކެއް ދައުރުވާކަން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް އެންމެ ފުރަތަމަ ރިޕޯޓުކުރި ޤައުމަކީ ރާއްޖެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

ޑަބްލިއުއެޗްއޯ އިން ނެރެފައިވާ އެލާޓުގައިވާ ގޮތުން ރާއްޖެ އާއި މެކްސިކޯ އިން ވެސް ވަނީ އެ ފޭކް އިންޖެކްޝަން ފެނިގެން މެއި އަދި ޖޫންގައި އެކަން ރިޕޯޓުކޮށްފައެވެ. ޑަބްލިއުއެޗްއޯ އިން ބުނި ގޮތުގައި އެންމެ ކަންބޮޑުވާ ކަމަކީ ބައެއް ހޮސްޕިޓަލްތަކަށް އެ ބޭސް ލިބިފައިވުމެވެ. އަދި އެއީ ބޭސް ފޯރުކޮށްދިނުމުގެ ބައިނަލްއަޤުވާމީ ނިޒާމާ މެދު ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ. ފޭކް އިންޖެކްޝަން ސަޕްލައިކޮށްފައި ވަނީ ހުއްދަ ނެތް ޑިސްޓްރިބިއުޓަރުން މެދުވެރިކޮށެވެ.

Advertisement

ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އިންޖެކްޝަން ފެނިގެން ޑަބްލިއުއެޗްއޯއަށް ރާއްޖެއިން ރިޕޯޓުކުރުމަކީ ރާއްޖޭގެ މޮނިޓަރިން ވަރުގަދަކަން އަންގައިދޭ ކަމެއް ކަމަށާއި ރާއްޖެ ކަހަލަ ކުޑަ ޤައުމަކުން އަމިއްލައަށް އެކަން ރިޕޯޓުކުރުމަކީ ބޭސް ޓެސްޓުކުރުމުގެ ނިޒާމު ހަރުދަނާކަން ހާމަވާ ކަމެއް ކަމަށެވެ.

"ޑާޒަލެކްސް" އަކީ ކަށީގެ މަދު (ބޯންމެރޯ) ގެ ކެންސަރުގެ ބާވަތެއް ކަމަށްވާ "މަލްޓިޕަލް މައިލޯމާ" އާއި ލޭގެ ބައްޔެއް ކަމަށްވާ "އެމިލޮއިޑޯސިސް" އަށް ފަރުވާ ކުރުމަށް ބޭނުންކުރާ އެންޓިބޮޑީއެކެވެ. އެ ބޭހުގެ ފެންވަރު ދަށް އުފެއްދުންތައް ދައުރުވުމަކީ ބަލިމީހުންނަށް ދޭން ޖެހޭ ފަރުވާ ލަސްވުމާއި ފުރާނައަށް ނުރައްކާވާ ފަދަ ނަތީޖާތައް ކުރިމަތިވެދާނެ ކަމެއް ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވެއެވެ. އެ ބޭސް އުފައްދާ ކުންފުނި ޖޭންސެންއާ ހަވާލާދީ ޑަބްލިއުއެޗްއޯ އިން ބުނީ MYS7381 އަދި STV1K01 ނަންބަރު ޖަހާފައިވާ ބެޗްތަކަކީ ސައްޙަ ބެޗްތަކެއް ނޫން ކަމަށާއި އެ ނަންބަރުތައް ޖަހާފައިވާ ބޭސް ބޭނުން ނުކުރުމަށް އަންގާފައިވާ ކަމަށެވެ.

Advertisement

ކޮމެންޓް