ބޯހިޔާވަހިކަމަށް އެދުނު ފަރާތްތަކުގެ މަޢުލޫމާތު ކަށަވަރުކުރަން ފަށައިފި
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅި ބައިލައްކައަށްވުރެ ގިނަ އެޕްލިކޭޝަންގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
މިއަހަރުގެ ޖެނުއަރީ 18 ގައި ހުޅުވައިލި ފުރުޞަތުގެ މުއްދަތު މިމަހުގެ 15 ވަނަ ދުވަހަށް ހަމަވީއިރު ފްލެޓަށް އެދި 35900 އަށްވުރެ ގިނަ އެޕްލިކޭޝަން އަދި ގޯއްޗަށް އެދި 22000 އަށްވުރެ ގިނަ އެޕްލިކޭޝަން ވަނީ ހުށައަޅައިފައެވެ. ކްރޮސް ވެރިފިކޭޝަނަކީ ފޯމުގައި ހުށައެޅި މަޢުލޫމާތު ދައުލަތުގެ އެކި އިދާރާތަކުގައި ހުރި މަޢުލޫމާތާ އަޅައިކިޔައި މާލޭގައި ދިރިއުޅުނު ކަމަށް ބުނާ މަޢުލޫމާތު ފަދަ ކަންކަން ޔަގީންކުރުމުގެ މަރުޙަލާއެއް ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ ހައުސިން މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން އިދާރީ ކަންކަން ދުރާލައި ފެށީ އެ މަސައްކަތް އެންމެ ރަނގަޅަށް ކުރެވޭނެ ވަގުތު ހޯދުމަށް ކަމަށެވެ. ބައިލައްކައަށްވުރެ ގިނަ ފޯމުގެ ކްރޮސް ވެރިފިކޭޝަނަށް ވަގުތު ނަގާނެ ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.
މިއަހަރު ތެރޭގައި ހައުސިންގެ ގިނަ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށި ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭއިރު ޢާންމުންނަށް ވަގުތުން ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެއެވެ. ކުރީގެ ދައުރުތަކުގައި ދައުރު ހަމަވާން ކައިރިކޮށްފައި ބޯހިޔާވަހިކަމަށް ހުޅުވައިލުމުން ޝަކުވާތައް ކުރިމަތިވެ ދެން އަންނަ ސަރުކާރަށް ބޮޑު ޒިންމާއަކަށް ވެފައިވާ ކަމަށާއި މިފަހަރު އެކަން ތަކުރާރު ނުވާނެ ކަމަށް ސަރުކާރުން ބުނެއެވެ.