Advertisement

ކާޑު ލިމިޓް ބޮޑު ކުރަނީ: ބޭސްފަރުވާ އާއި ތަޢުލީމަށް އިތުރު ލުއި ދޭނެކަމަށް ބީއެމްއެލްއިން ބުނޭ

19 Jun 2026 | 13:38
-

ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުޢާމަލާތްތައް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ލިމިޓަށް މި މަސް ނިމުމުގެ ކުރިން ހެޔޮ ބަދަލެއް ގެންނާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ، ބޭރުގެ އީ-ކޮމާސް މުޢާމަލާތްތަކުގެ ލިމިޓަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ބޭންކުން މިހާރު ކުރަމުންދާ ކަމަށެވެ. އަދި ބޭސްފަރުވާ ނުވަތަ ތަޢުލީމީ ކަންކަމަށް ފައިސާ ފޮނުވުމުގައި ދަތިވާ ފަރާތްތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ވެސް ބުންޏެވެ. 

Advertisement

މިހާރު ޢަމަލުކުރަމުންދާ އުސޫލުގެ ދަށުން، ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ޕީއޯއެސް މެދުވެރިކޮށް މަހަކު 1،000 ޑޮލަރާ ހަމައަށް މުޢާމަލާތް ކުރެވެއެވެ. އެއާލައިން ޓިކެޓާއި ހޮޓެލް ބުކިންގް އަދި ހޮސްޕިޓަލްތަކަށް ދައްކާ ފައިސާއަށް ލިބެނީ މަހަކު 3،000 ޑޮލަރުގެ ލިމިޓެކެވެ.

ބީއެމްއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ފުރަތަމަ ފަސް މަހު ބޭންކުން 345 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ. އޭގެ ތެރެއިން 198 މިލިއަން ޑޮލަރު ވިއްކާފައި ވަނީ ކާޑު މުޢާމަލާތްތަކަށެވެ. ވިޔަފާރިތަކަށް 147 މިލިއަން ޑޮލަރު ވިއްކާފައިވާ އިރު، މަހެއްގެ މައްޗަށް އެވެރެޖްކޮށް 69 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 47 އިންސައްތައިގެ އިތުރުވުމެކެވެ.

ބޭންކުން ޑޮލަރު ވިއްކާ މިންވަރު އަހަރުން އަހަރަށް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ކާޑުތައް މެދުވެރިކޮށް ބޭރަށް ދާ ފައިސާގެ މަހެއްގެ އެވެރެޖް 2021 ވަނަ އަހަރު 15.3 މިލިއަން ޑޮލަރުގައި ހުރި ނަމަވެސް 2026 ވަނަ އަހަރު އެ ޢަދަދު ވަނީ 50.7 މިލިއަން ޑޮލަރަށް އުފުލިފައެވެ. ހަމަ އެ މުއްދަތުގައި ކާޑު ބޭނުންކޮށްގެން ބޭރުގެ މުޢާމަލާތް ކުރާ ކަސްޓަމަރުންގެ މަހެއްގެ އެވެރެޖް ޢަދަދު ވެސް ވަނީ 124،400 އިން 303،000 އަށް އިތުރުވެފައެވެ.

ބީއެމްއެލް އިން ބުނީ ކަސްޓަމަރުންގެ ބޭނުންތައް ފުއްދުމަށް ވީހާ ވެސް ގިނައިން ބޭރު ފައިސާ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް އެ ކަމުގައި އެހީތެރިކަން ދޭނެ ކަމުގެ ޔަޤީންކަން ދީފައިވާ ކަމަށެވެ. ރާއްޖޭގައި ހިންގާ އެހެން ބޭންކުތަކާ އަޅައިބަލާއިރު، ދިވެހި ރުފިޔާ ކާޑުތަކުން ބޭރުގެ މުޢާމަލާތް ކުރުމަށް އެންމެ ބޮޑު ލިމިޓެއް ދެނީ ބީއެމްއެލް އިން ކަމަށް އެ ބޭންކުން ބުނެއެވެ.

Advertisement

ކޮމެންޓް