Advertisement

ލޭ ހަދިޔާކުރުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވެއްޖެ

14 Jun 2026 | 10:29
-

އާންމު ޞިއްޙަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަމިއްލައަށް އެދިގެން ލޭ ހަދިޔާކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ އަމިއްލައަށް އެދިގެން ލޭ ހަދިޔާކުރާ މީހުންގެ ބައިވެރިވުން ފާހަގަކުރަންޖެހޭ ކަމަށެވެ. އެފަދަ މީހުންގެ ދީލަތި އަމަލުގެ ސަބަބުން ދާއިމީކޮށް ލޭ އަޅަންޖެހޭ މީހުންނާއި ކުއްލި ހާލަތުގައި ލޭ އަޅަންޖެހޭ ބަލިމީހުންނަށް ވަގުތުން ފަރުވާ ހޯދައިދެވި އެތައް ފުރާނައެއް ސަލާމަތްކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

ލެޔަކީ ޓެކްނޮލޮޖީއާއި ބޭސްވެރިކަމަށް ކިތަންމެ ބޮޑު ބަދަލެއް އައި ނަމަވެސް އޭގެ ބަދަލުގައި އެހެން ގޮތެއް ނެތް ކޮންމެހެން ބޭނުންވާ ވަސީލަތެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރާއްޖެއަކީ ރަށްރަށް ވަކިވެފައިވާ ޤައުމަކަށް ވާއިރު ބޭނުންވާ ވަގުތު ލޭ ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުރުމަކީ ޞިއްޙީ ކުއްލި ހާލަތްތަކުގައި ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން އާންމުން ހޭލުންތެރިކޮށް އަމިއްލައަށް ލޭ ހަދިޔާކުރުމަށް ބާރުއެޅުމަށާއި މުޖުތަމަޢުގެ އެންމެންގެ ދުޅަހެޔޮ ޞިއްޙަތަކަށް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖޫން 14 ވަނަ ދުވަހެވެ. މިއީ ލޭ ހަދިޔާކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ހޭލުންތެރިކަން އިތުރުކުރުމަށް ފާހަގަކުރާ ދުވަހެކެވެ.

Advertisement

ކޮމެންޓް