Advertisement

މީކާއީލްގެ މައްޗަށް ކުރި ހޯއްދަވައި އެމްޑީޕީގެ ޗެއާޕާސަނަކަށް ނަޝީދު

12 Jun 2026 | 23:07
-

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ބޭއްވި އިންތިހާބު، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއީލް އަޙްމަދު ނަސީމްގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބުކުރައްވައިފިއެވެ.

ވަގުތީ ނަތީޖާ އެމްޑީޕީން އަދި ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ. ނަމަވެސް މިހާތަނަށް ގުނާފައިވާ ފޮށިތަކުގެ ނަތީޖާއިން ބޮޑު ތަފާތަކުން ކުރީގައި އޮތީ ނަޝީދެވެ. މި ކާމިޔާބީ ފާހަގަކުރުމަށް މިރޭ އާޓިފިޝަލް ބީޗަށް އެއްވުމަށް، އެމްޑީޕީގެ މެމްބަރުންނަށް ނަޝީދު މިހާރު ވަނީ ދައުވަތު ވެސް އަރުވައިފައެވެ.

Advertisement

މިއަދު މެންދުރުފަހު 2:30 ގައި ފެށި ވޯޓުލުމުގައި ޖުމްލަ 241 ފޮށި ބަހައްޓައިފައިވެއެވެ. އެއީ ރާއްޖޭގައި ބެހެއްޓި 240 ފޮށްޓާއި ސްރީ ލަންކާގައި ބެހެއްޓި ފޮށްޓެކެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 48,912 މެމްބަރުންނަށް ލިބިފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

ނަޝީދު މި އިންތިހާބު ކާމިޔާބުކުރެއްވީ "ބޮޑު ބަދަލު" ގެ ނަމުގައި ވަރުގަދަ ކެމްޕެއިނެއް ކުރައްވައި، އެމްޑީޕީ އަލުން ވަރުގަދަކުރައްވާނެ ކަމުގެ ވައުދާ އެކުގައެވެ. "ބޮޑު ބަދަލު" އިއުލާނުކުރެއްވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލްއާ ގުޅިވަޑައިގެންނެވެ.

އެ ދެ ބޭފުޅުން ކުރިން ވިދާޅުވެފައިވާ ގޮތުގައި، ޗެއާޕާސަންކަމަށް ނަޝީދު ކުރިމަތިލެއްވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ފައްޔާޒް ނެރުއްވައި، އެ ޕާޓީއަށް އަލުން ވެރިކަން ހޯއްދަވައިދެއްވުމަށެވެ. އަދި ފައްޔާޒްގެ ވެރިކަމެއްގައި ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސް، ދައުލަތުގެ އެންމެ މަތީވެރިޔާއާއި ސަރުކާރުގެ ވެރިޔާއަކީ ވަކި ދެ މަގާމަކަށް ހެދުމުގެ ވިސްނުން ވެސް ވަނީ ހާމަކުރައްވައިފައެވެ. ނަމަވެސް ބަރުލަމާނީ ނިޒާމުތަކުގައި އާންމުކޮށް އަމަލުކުރާ ގޮތާ ޚިލާފަށް، އެ ޕްރޮޕޯސަލްގައި އޮތީ ސަރުކާރުގެ ވެރިޔާ ވެސް ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވާ ގޮތަށެވެ. ސަރުކާރު ހިންގާ ވެރިއަކަށް ފައްޔާޒް ހޮވުމަށް ތާއީދުކުރައްވާނެ ކަމަށާއި، ދައުލަތުގެ ވެރިޔާގެ މަގާމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދަކީ މިދިޔަ ރިޔާސީ އިންތިހާބުގެ ކުރިން އެމްޑީޕީ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގައި ޕާޓީ ދޫކުރައްވައި، ޑިމޮކްރެޓްސްގައި ހުންނެވުމަށް ފަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ ބޭފުޅެކެވެ. މި ކެމްޕެއިންގައި މީކާއީލަށް ތާއީދުކުރެއްވީ، ސިޔާސީ ގޮތުން ނަޝީދާ ޚިޔާލުތަފާތުވެވަޑައިގެންފައިވާ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި އިންތިހާބަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ސިޔާސީ މިސްރާބު ކަނޑައަޅާނެ އިންތިހާބެއްގެ ގޮތުގައި ބެލެވިފައި އޮތް އިންތިހާބެކެވެ.

Advertisement

ކޮމެންޓް