Advertisement

ހިޖުރީ 1447 ވަނަ އަހަރު ޙައްޖަށް ދިޔަ ހުރިހާ ދިވެހިން ރާއްޖެ އައިސް ނިމިއްޖެ

10 Jun 2026 | 09:52
-

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަހު ދިވެހި ޙައްޖާޖީންގެ ފަހު ގްރޫޕް ރޭގައި މާލެ އަތުވެއްޖެއެވެ. 

މަދީނާގެ އަމީރު މުޙައްމަދު ބިން އަބްދުލްޢަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި ޤައުމީ އެއާލައިން މޯލްޑިވިއަންގެ މި ފްލައިޓް ޖެއްސީ މިރޭ 10:40 ހާއިރުއެވެ. މި ފްލައިޓުގައި 261 ޙާޖީން އައިސްފައިވެއެވެ. ރާއްޖެއިން މިފަހަރު ޙައްޖަށް ދިޔަ ކޮންމެ ގްރޫޕެއް ސައުދީގައި 3 ހަފުތާ ހޭދަކޮށްފައިވާ އިރު މައްކާގައި ޙައްޖުގެ މަނާސިކުތައް އަދާކުރުމުގެ އިތުރުން މަދީނާގައި 2 ދުވަސް މަޑުކުރިއެވެ.

Advertisement

ދިވެހި ޙައްޖު މިޝަނުން ބުނީ ޙައްޖު ކޯޕަރޭޝަނުގެ އިންތިޒާމުތަކާ އެކު މިއަހަރުގެ ޙައްޖުގެ އަޅުކަމުގެ ކަންކަން ކުރިއަށް ދިޔައީ ވަރަށް އަމާންކަމާއި އޮމާންކަމާ އެކު ފުރިހަމައަށް ކަމަށެވެ. ޙައްޖުވެރިން މާލެއިން ފުރާ ހިސާބުން ފެށިގެން އެނބުރި އައުމާ ހަމައަށް ފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމާ އެއްގޮތަށް ސަރުކާރުގެ އެކި އިދާރާތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް ޙައްޖު މިޝަނުން ބުންޏެވެ.

ޙައްޖުވެރިން މިއަހަރު ވެސް މައްކާއަށް ދަތުރުކުރީ މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ރާއްޖެއިން އިމިގްރޭޝަންގެ އެންމެހައި ކަންކަން ނިންމައިގެންނެވެ. އެހެންކަމުން ސައުދީއަށް ގޮސް ޖިއްދާ އެއާޕޯޓުގައި މަޑުކުރަން ނުޖެހި ފަސޭހަކަމާ އެކު މައްކާއަށް ދެވެއެވެ. ރާއްޖެއަށް ކޮންމެ އަހަރަކު ވެސް ލިބެނީ 1000 ޙައްޖު ކޯޓާއެވެ. ވެލާނާ އެއާޕޯޓުން ޙައްޖާޖީންނަށް މަރުހަބާ ކިޔުމަށް ޢާއިލާތައް ހާޒިރުވި އިރު ދާގީނާ އުފުލުމާއި އުޅަނދު ހޯދައިދިނުން ފަދަ ކަންކަމުގައި އެއާޕޯޓްސް ކޮމްޕެނީ އަދި އެކި އިދާރާތަކުގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

Advertisement

ކޮމެންޓް